ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ރާއްޖޭގެ ރިޔާސަތުގެ ދެވަނަ ދައުރެއް ކަށަވަރު ކޮށްދިނުމަށް، އާ ހިތްވަރަކާއެކު ކެމްޕޭން ޓީމުތައް އަލުން ރުކުރުވާލައިފި ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފިއެވެ.  

ރައީސް އިބްރާހީމަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމަށް، އެމްޑީޕީއާއި އަދާލަތު އަދި އެމްޑީއޭ ހިމެނޭ ވަރުގަދަ ކޯލިޝަނުން ނުކުތީ 57 ޕަސެންޓް ވޯޓާއެކު އެއްބުރުން މިފަހަރުގެ އިންތިޚާބު ކާމިޔާބުކުރުމަށެވެ. ނަމަވެސް ހިސާބު ޖެހިގޮތާ ޚިލާފަށް ފުރަތަމަ ބުރުގެ ނަތީޖާ ނުކުތީ، ވާދަވެރި ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު، 46 އިންސައްތަ ވޯޓާއެކު ފުރަތަމަ ބުރުން އެއްވަނަ ހޯދައިގެންނެވެ. ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓާއެކު ދެވަނައެވެ. 

ޑރ. އިޔާޒް އަދާލަތު ޕާޓީން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކެމްޕޭން ޓީމުތައް ރުކުރުވާލަން އިރުޝާދު ދެއްވަނީ--

 

" ކެމްޕޭން ޓީމްތައް އަލުން ރުކުރުވާލާ ދެވަނަ ބުރުގެ ކެމްޕޭން މި ފަށައިގަންނަނީ އާ ހިތްވަރަކާއެކީ. އެންމެން އެކުގައި ކުރާ ބުރަ މަސައްކަތުން ރައީސް އިބްރާހީމަށް އިންތިޚާބު ކާމިޔާބުވާނެ އިންޝާﷲ،" އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިޢާދު ޙަމީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ވަރުގަދަ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ އެމްޑީޕީއާއި އަދާލަތު ޕާޓީ އަދި އެމްޑީއޭގެ ކޯލިޝަނަށް ފުރަތަމަ ބުރުގައި ކަށަވަރު ކުރެވުނީ 86161 ވޯޓެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރ 30ވާ ހޮނިހިރު ދުވަހުއެވެ.