ރައީސް އިބްރާހީމަށް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް ކުރި މަސައްކަތުގައި ޖެހުނު ހިސާބު ގޯސް ކަމަށާއި، ދެވަނަ ބުރުގައި މި އިންތިޚާބު ކުރާން ޖެހޭ ކަންކަން ސާފުކުރެވިއްޖެ ކަމަށް އެމްޑީޕީގެ މި ސަރުކާރުގެ އިޤްތިޞާދީ ވަޒީރު، އަދި އެމްޑީޕީގެ ޗެއަރ ޕަރސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. 

އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭ ހިމެނޭ ސަރުކާރުގެ ބިޔަ ކޯލިޝަނުން މިފަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުތީ މަދުވެގެން 57 ޕަސެންޓް ވޯޓާއެކު ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބުކޮށް، ރައީސް އިބްރާހީމަށް 5 އަހަރުގެ އިތުރު ދައުރެއް ކަށަވަރުކުރާނޭކަމުގެ 100 އިންސައްތަ ޔަގީންކަމާއެކު އެވެ. ނަމަވެސް ސަރުކާރު ކޯލިޝަނުން ޖެހި ހިސާބާ ދިމާ ދެކޮޅަށް ނަތީޖާ ނުކުތީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް، ލައްކައަކަށް ވުރެ ގިނަރައްޔިތުންގެ ތާޢީދާއެކު 46 އިންސައްތަ، އަދި ރައީސް އިބްރާހީމަށް 39 އިންސަތަ ލިބިގެންނެވެ. 

މިކަންކަމަށް ރިޢާޔަތްކޮށް، ފައްޔާޒު ވިދާޅުވީ، "ޖެހުނު ހިސާބު ގޯސް. ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ." ކަމަށާއި "އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން،" ކަމަށެވެ. 

އަދި "މިރާއްޖެ އަނިޔާވެރިކަމާ ދިމާލައް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަން،" ކެމްޕޭން ވަރުގަދަ ކުރައްވާނޭ ކަމަށްވެސް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރުމަށް ރައީސް އިބްރާހީމްގެ ކެމްޕޭން ޓީމުން ފައިސާ ބަހައި، ވަޒީފާގެ ބިރުދައްކައި އަދިވެސް މިނޫނަސް އިންތިޚާބީ ރިޝްވަތުގެ އެތަކެއް އަމަލުތަކެއް ހިންގާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދިޔައީ ކެނޑިނޭޅި ތުހުމަތު ކުރަމުންނެވެ. ނަމަވެސް ރައީސް އިބްރާހީމް ވަނީ، އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނޭ ކަމަށް ވިދާޅުވެފައެވެ.

އަދި މީގެ އިތުރުން މާލޭގެ ވޯޓުތައް ކަށަވަރުކުރުމަށް ގާނޫނުއަސާސީއާ ގާނޫނުތަކާ ގަވާއިދުތަކާ ޚިލާފަށް، ވަރަށް ބޭއިންސާފުން ބިންވެރިޔާ ސްކީމްގެ ނަމުގައި މާލޭގެ އަގުބޮޑު ބިންތައް ވަކިބަޔަކަށް ލިބޭގޮތަށް ޝަރުތުކޮށް ބަހާލުންވެސް މިއީ މިފަހަރުގެ ނާކާމިޔާބީގައި ބޮޑު ދައުރެއް އަދާކުރިކަމެއްގެ ގޮތުގައި ރައްޔިތުން ފާހަގަކުރެއެވެ.

ޑރ. މުޢިއްޒާއި ރައީސް އިބްރާހީމް ވާދަކުރައްވާ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރ 30ވާ ހޮނިހިރު ދުވަހުއެވެ.