ރައީސް އިބްރާޙީމް މުޙައްމަދު ސާލިޙު 5 އަހަރުގެ ވެރިކަމެއް އެ ނިންމާލެއްވީ "އެޅިގަލަށް ޚިދުމަތްކުރުމުގައި" ކަމަށާއި "5 އަހަރުގެ ދައުރެއް އެ ނިންމަވާލެއްވީ ވަށާފާރަކީ ބްރޭކިންގ ނިއުސްކަމުގައި ހައްދަވައިގެން،" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަލްޓަން ޕާކުގައި އޮތް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭން ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ އީވާ ވަނީ ރައީސް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، "ތަރައްގީގެ މިންގަނޑަކީ ފަރުދީ ތަނަވަސްކަމާ ޢަބުރުވެރި ހަޔާތެއްކަން މުޅި ދުނިޔެވެސް ގަބޫލުކުރަމުން ދާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު 5 އަހަރުގެ ދައުރެއް އެ ނިންމަވާ ލެއްވީ، ތަރައްގީއަކީ ކޮންސްޓްރަކްޝަން ކަމަށް އަނެއްކާވެސް ބައްލަވައިގެން،" ކަމަށެވެ.

އީވާ ވިދާޅުވީ، "5 އަހަރުގެ ދައުރެއް ނިންމާލާފައި ދާއިރު މާލޭ މަގުމަތީން ކާނޭ އެއްޗެއް ނެތިގެން ޑަސްބިން ހޮވަމުންދާ މަންޒަރު އަޅުގަނޑުމެން އެންމެންނަށް ވެސް އެބަފެނޭ. ނިދާނޭ ތަނެއް ނެތިގެން ބިއްޖެހިފައި ނެރުފައިކަށިތަކާއި މާރުކޭޓުގައާ މާލޭ މަގުމަތީގައި ބިއްޖެހިފައި ކުދީން އެތިބެނީ އަޅުގަނޑުމެން އެންމެނަށް އެބަ ފެނޭ،" ކަމަށެވެ. އަދި "5 އަހަރުގެ ދައުރެއް ނިންމާލިއިރު އާސަންދައާ އެންސްޕާއަކީ އަލުން އަނބުރާ ވެރިން ކައިރީން ސަލާން ޖަހާން ޖެހޭ އެއްޗަކަށް ހަދައިފި،" ކަމަށެވެ.

މީގެ އިތުރުން " ރައީސުލްޖުމްހޫރިއްޔާ ހިތްޕުޅާވާ، ރައްޔިތުންގެ މަޖްލީސް މެންބަރު ހިތްޕުޅާވާ ގަޔާވާ މީހަކަށް ވެއްޖިއްޔާ 300000އިން ވެސް އާސަންދަ ދެވޭ، އެކަމަކު ނިކަމެތި މީހާޔަށް ކެންސަރެއް ނޫން ކޮންމެ ފަދަ ބައްޔެއް ކަމުގައި ވިޔަސް އަލުން އަނބުރާ ވެރީންގެ ކިބައިން ސަލާންޖަހާން ޖެހުން ނޫންގޮތެއް މިހާރު ބޭސްފަރުވާއަކުވެސް ނެތް،" ކަމަށް އީވާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "ޑިމޮކްރެޓުން މިއަންނަނީ ދިވެހިރާއްޖޭގެ ހިންގުމާ ދިވެރާއްޖޭގެ ވެރިކަމާ ހަވާލުވާން،" ކަމަށައި "ފަރުދީ ތަނަވަސްކަމާ އަބުރުވެރި ހަޔާތަކާ މިނިވަންކަމާ މި މަސައްކަތަށް އަޅުގަނޑުމެން ފެށި މަސައްކަތް އަލުން އަނބުރާ ހަމަމަގަށް އަޅުވާން،" ކަމަށެވެ. އަދި "މި މަސައްކަތުގައި އަޅުގަނޑުމެންނާއެކު މުގުލުގައި ހުރީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު. އަދި އަޅުގަނޑުމެންގެ ރަނިންގމޭޓް ހުސައިން ޢަމްރޫ. އިލްމާ ތައުލީމާ އަދި ސިޔާސީ ތަޖްރިބާއާއި ބުންވަރާއެކު ނިކުމެވަޑައިގެން ތިއްބެވި އިގްތިޞާދީ ދެ މާހިރުން،" ކަމަށާއި ރައްޔިތުން ބޭނުންވާފަ ރައްޔިތުންގެ ވެރިކަމެއް ގެންނާން، ރައްޔިތުން ހޮނިހިރު ދުވަހު ނުކުމެ ކެންޑިޑޭޓް ނަންބަރު 7 ވޯޓުދިނުން މުހިއްމުކަމަށް އޭނާ ވިދާޅުވިއެވެ.