މާދަމާ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ދިވެހީންނަށް އޮތް ހަމައެކަނި ގޮތަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓު ދިނުން ކަމަށާއި އެނޫންގޮތެއް ނެތް ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް، އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ރޭ އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާގައި އަސްލަމް ވިދާޅުވީ، "އަޅުގަނޑުމެން އައްޑޫއަށް އޮތް ތަސައްވަރުގައި ކުލަޖެހެމުން ދަނީ. އެހެންވީމަ ދަންނަވަން އޮތީ އިބޫ ނޫން ގޮތެއް ހަމަ ނެތޭ. މުޅި ރާއްޖެއަށް އިބޫ ނޫން ގޮތެއް ނެތް،" ކަމަށެވެ.

އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރު ކަމަށްވާ ރައީސް ނަޝީދުގެ ސަރުކާރަށް ފާޑުވިދާޅުވެ، އަސްލަމް ވިދާޅުވީ އޭރު ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން އައްޑުއަށް މާ މޮޅުތަކެއް ވެފައި ނެތްކަމަށާއި ނަމަވެސް ރައީސް އިބްރާހީމްގެ ސަރުކާރުން އައްޑުއަށް ގިނަ ކަންތައްތަކެއް ކޮށްދީ އަދި ކޮށްދިނުމަށް ރާވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.