ކޮރަޕްޝަނާ ފަސާދައާ، ވެރިކަމުގައި އާއިލީ ނުފޫޒު ފޯރުވުން ހުއްޓުވައި، ރައްޔިތުންނަށް ލިބޭންޖެހޭ އެންމެހައި ހައްގުތައް ކަށަވަރުކޮށްދޭން ބޮޑެތި ވައދުތަކެއް ކޮށްގެން ގެނައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރު، ވޭތުވެ ދިޔަ 5 ފަސް އަހަރު ދުވަހުގެ ތެރޭގައި ބޮޑުތަނުން ފެއިލްވެ ކޮރަޕްޝަނާ ފަސާދައިގެ ހާއްޔަކަށް ވެފައިވާ ކަމަށާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް އިވެނީ "އިބޫ ނޫންގޮތެއް" ހޯދުން ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ދެބައިވެ، އަލަށް އުފެދުނު ދަ ޑިމޮކްރެޓްސް މެންބަރުން ބުނެފިއެވެ.

މާދަމާ ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ވާ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރޭން، ދަ ޑިމޮކްރެޓްސް އިން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޮޑު ކެމްޕޭން ހަރަކާތެއް ބާއްވައިފައެވެ. އެ ކެމްޕޭން ހަރަކާތުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި، އޭނާގެ ރަނިންގމޭޓް ހުސައިން ޢަމްރޫއާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ އިސް ފަރާތްތަކާއި އަދި އެ ޕާޓީއަށް ދާއީދުކުރާ ގިނަ ޢަދަދެއްގެ ސަޕޯޓަރުންނާއި ޕާޓީގެ މެންބަރު ބައިވެރިވިއެވެ.

މި ކެމްޕޭން ޖަލްސާގައި އިލްޔާސް ވިދާޅުވީ، ދިވެހިރާއްޖޭގެ " ރައްޔިތުން ވަރަށް ބޮޑަށް ކަންކަމާ ވިސްނާ، ކަންކަން ދިރާސާކޮށްފައިވާ ކަން ވޭތުވެ ދިޔަދުވަސްތަކުގައި ފެނިގެން ހިނގައްޖެ" ކަމަށެވެ. "އެ އެންމެންވެސް ބުނެފައިވާ ހަމައެކަނި ކަމަކީ، މި ސަރުކާރު، އިބްރާހީމް މުޙައްމަދު ޞާލިހު، އިބޫ ނޫންގޮތެއް. އިބޫ ނޫންގޮތަކަށް،" ސަރުކާރު ބަދަލުކުރުން ކަމަށް ޑިމޮކްރެޓުންގެ ޒުވާން ކެންޑިޑޭޓް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެންނާ އޮތް ހަގީގަތަކީ ދިވެހި ދައުލަތުގެ އާމްދަނީ 7 ބިލިއަނުން 30 ބިލިއަނަށް އަރާފައިވާ މަންޒަރުކަމަށާއި ނަމަވެސް " އަޅުގަނޑުމެންނަށް ސާފުކޮށް އެނގޭން އޮތްކަމަކީ އެއްވެސް ފަރުދެއްގެ އެއްވެސް އާޢިލާއެއްގެ ތަނަވަސްކަން އިތުރުނުވާކަން،" ކަމަށެވެ. އެހެންކަމުން ޑިމޮކްރެޓުންގެ ސަރުކާރެއް އުފައްދައި ކުރިއަށް އޮތް 5 އަހަރަކީ ރައްޔިތުންގެ ފަހަރުކަމަށް ހެދުމަށް އޭނާ ގޮވާލެއްވިއެވެ.

އިލްޔާސް ވިދާޅުވީ، "މިއަންނަނީ ރައްޔިތުންގެ ފަރުދީ ތަނަވަސްކަން އިތުރުކުރާން. މިފަހަރު އާމްދަނީ އިތުރުކުރާނީ ތިބޭފުޅުންގެ އާއިލާއަށް ތިބޭފުޅުންގެ ގޭގެއަށް،" ކަމަށެވެ. އަދި "ތިބޭފުޅުންގެ ފަރުދީ ތަނަވަސްކަން އިތުރުކުރާ ފަހަރު. އަޅުގަނޑު މިއަންނަނީ ތިބޭފުޅުންނަށް އެކަން ކޮށްދިނުމަށް،" ކަމަށްވެސް ޖޯޝާއެކު އޭނާ ވިދާޅުވިއެވެ.

ދިވެހީންނަށް ޒަމާނުއްސުރެން ދިމާވެފައިވާ، ސިއްހީ، ތައުލީމީ، އިޖްތިމާއީ ޢުމްރާނީ ތަރައްގީ ހޯދަން ހިޖްރަކުރާން ޖެހޭ ސަގާފަތް ނައްތާލައި، އާއިލާތަކާއެކު އެރައްޔިތަކު ބޭނުން ސަރަހައްދެއްގައި ހުރިހާ ޚިދުމަތްތަކެއް ލިބިގެން އުފާވެރިކަމާ ތަނަވަސްކަމާއެކު އުޅެވޭނޭކަން އޭނާގެ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ކަށަވަރުކޮށްދެއްވާނޭ ކަމަށް އިލްޔާސް ވަޢުދުވިއެވެ.

" އަޅުގަނޑު ދިވެހި ރައްޔިތުންނަށް ދަންނަވާލަން އޮތީ އަބުރުވެރި ހަޔާތެއް ހޯދުމަށް އެންމެ މުހިއްމު ކަމަކީ ފަރުދީ ތަނަވަސްކަން އިތުރުކުރުން. އަމިއްލަ ފައިމައްޗަށް ކޮއްޅަށް ހުރުމޭ މީހަކަށް ނުދަރައި މީހަކަށް ސަލާން ނުޖަހައި ދިރިއުޅުން ބައްޓަންކުރުމޭ،" އޭނާ ވިދާޅުވިއެވެ.

މި ޖަލްސާގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ގައުމެއްގެ މިނިވަންކަމާ އިސްތިގުލާލު ގެއްލޭ އެންމެ ނުރައްކާތެރި ސަބަބަކީ ދަރަނީގެ ދަންތުރައިގައި ޖެހުން ކަމަށާއި، މިއަދު ރާއްޖެ އޮތީ އެ ހާލަތަށް ވެއްޓިފައި ކަމަށެވެ. ކުރިއަށް އޮތް 2026 ވަނަ އަހަރު ރާއްޖޭގެ ދައްކާން ޖެހޭ ދަރަނީގެ މިންވަރު އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑުވާނޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު ވިދާޅުވީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދަރަނި ދެއްކުމުގެ ސިޔާސަތަކީ ދަރަނި ނަގައިގެން ދަރަނި ދެއްކުން ކަމަށާއި " އެއީ ދިވެހީންނަށް ގަބޫލުކުރެވޭނޭ ގޮތެއްވެސް ނޫން އަދި އިންތިހާއަށް ގެއްލުން ވާނޭ ގޮތެއް، " ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި އަދި ދިވެހީންގެ ތަނަވަސްކަމާވެސް ގުޅިފައިވަނީ އެ ދަރަނިތައް ކަމަށާއި، " އެކަން އެނގޭ ހަމަ އެކަނި ކެންޑިޑޭޓަކީ އިލްޔާސް. ކަމަށެވެ. އަދި "2026ގެ ފަހުން 3 އިރު ކައިބޮއި ހަދާން ބޭނުންވާ ކަމަށްވާ ނަމަ އިލްޔާސަށް ވޯޓުދިނުމަށް،" އެމަނިކުފާނު ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.

ރައީސް ނަޝީދު-- ފޮޓޯ: ޑިމޮކްރެޓްސް

 

އިލްޔާސްގެ ރަނިންގމޭޓް ހުސެން ޢަމްރޫ ވިދާޅުވީ، " އަޅުގަނޑުމެންނަކީ ހިސާބުޖަހައިގެން މަސައްކަތްކުރާ ބައެއް. އަޅުގަނޑުމެންނަކީ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައި އެކަންކަން ކަމުގެ މައްޗަށް ސިޔާސަތު ހަދާބައެއް. އަދި އެސިޔާސަތުގެ މައްޗަށްވައުދުވާ އެކަން ފުއްދާބައެއް،" ކަމަށެވެ. ރައީސް އިބްރާހީމަށް ދިވެހި ރައްޔިތުން 2018 ވަނަ އަހަރު ވޯޓުދިނީ، "މުދަލާ، ކަރަންޓާ ފެނާއި އެހެނިހެން ޚިދުމަތުގެ އަގު ތިރިކުރުމަށް،"ކަމަށާއި "އިންސާފު ނުލިބި ތިބި އެތައް ބަޔަކު އެ އިންސާފު ލިބުމުގެ އުންމީދުގައި،" ކަމަށާއި އަދި " ރާއްޖޭން ކޮރަޕްޝަން ނައްތާލާނޭކަމުގެ އުންމީދުގައި" ކަމަށެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ނިމިގެން ދިޔައިރު މިއިން ފުއްދުނު އެއްވެސް ވައުދެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

" ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަނީ މޮޅިވެރިކަން. އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ބޮޑަށް ބިކަވެ ނިކަމެތިވެފައިވާތަން. ހާސްކަމެއްގެ ތެރޭގައި ރައްޔިތުން ތިބިތަން. ހަގީގަތުގަވެސް އެ ފޮނި އުންމީދުގައި ރައްޔިތުން ތިއްބާ އެދިން ލަގާއާހެދި ރައްޔިތުން މިހާރު ތިބީ އިބްރާހީމް މުޙައްމަދު ޞާލިހު ދެކެ ވަރަށް ރުޅިއައިސްފައި،" އެހެންކަމުން މިފަހަރު ރައީސް އިބްރާހީމް ނޫންގޮތެއް ހޯދަން ދިވެހިން ކެތްމަދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާފަންން އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، " އެންމެ ގިނައިން މީހުން ކުރާ ސުވާލަކީ ހާލަތު ނިޔާކުރާގޮތުން އިބްރާހީމް މުޙައްމަދު ޞާލިހުގެ ފަހަތަށް އަރާންނަންތޯ؟" މި ސުވާލުކަމަށާއި "ޖަވާބަކީ ނާރާނަން، ނާރާނަން، އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަން އަޅުގަނޑުމެން ނިންމާނަން. ޝައްކެއް އޮތް ކަމެއް ނޫން،" ކަމަށެވެ.

އޭނާ ވިދާޅުވީ އިންސާނީ ކަރާމާތް ނެގެހެއްޓުމަށް ޖީލެއް ގުރުބާންވެއްޖެ ކަމަށާއި، އަދި ވަރަށް ގިނަ ކާމިޔާބީތައްވެސް ހާސިލްކުރެވުނު ކަމަށެވެ. ނަމަވެސް މި ސަރުކާރުން ރައީސް އިބްރާހީމް ވެރިކަމުގެ ތަހުތައް ސަވާރުވެ އެކުރައްވާ ފުރައްސާރައާއި އިންސާނުން ވައްޓާލާފައިވާ ދަށު ދަރަޖައާއި ރައްޔިތުން އަނދަވަޅަކަށް ވައްޓާލާފައިވާގޮތް، އިންތިޚާބުގައި ވޯޓު ދިނުމުގެ ކުރީން ކުޑަކޮށް ނަމަވެސް ވިސްނާލުމަށް އޭނާ އެދިލެއްވިއެވެ.

" މިއަދު އިބްރާހީމް މުޙައްމަދު ޞާލިހު ވާދަކުރާ އިންތިޚާބަކަށް ނުކުންނައިރު މުޅި ދިވެހިރާއްޖޭގެ ވަޒީފާގެ މާހައުލަށް ހަދަފައިވާ ގޮތާމެދު ވިސްނަވާ. ގެންގޮސް ޖައްސަވާފައިވާ ހިސާބު،" އިންތި ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ވޯޓާ ދިމާކޮށް މިއަދުގެ މާހައުލު އޮތީ "މާމަ ދަރިއަކަށް ވަޒީފާއެއް ދީފަ އޮތަސް ފެނަކައިން، އެއީ ވަޒީފާގެ ބިރު މުޅި އާއިލާއަށް ދައްކާފައި،" ކަމަށެވެ.

" ޑިމޮކްރަސީގައި އެންމެ މައިގަނޑު އެއްޗަކީ އިންސާނީ ކަރާމާތް، އެކަން ހާސިލްކުރާން އިލްޔާސަށް ވޯޓުދެއްވާ،" އިންތި ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ޗެއަރޕާސަން ޙަސަން ލަތީފު ވިދާޅުވީ، މިފަހަރުގެ ވޯޓަކީ މުޙިއްމު ވޯޓެއްކަމަށާއި، " މިފަހަރުގެ ވޯޓު މުހިއްމުވާ ސަބަބަކީ ތިޔަބޭފުޅުންގެ މުޅި ހަޔާތް އެހެން ގޮތަކަށް ބަދަލުވެގެންދާނޭ ވޯޓެއް ކަމަށް ވާތީ،" ކަމަށެވެ.

" ޑިމޮކްރެޓުންގެ ކެންޑިޑޭޓް ކުރިއަށް މިއޮތް 5 އަހަރު ދުވަހު ތިބޭފުޅުންނަށް ޚިދުމަތް ކުރުމަށް ފުރުސަތު ލިބިވަޑައިގެންފި ނަމަ. ތިބޭފުޅުންގެ މުޅި ހަޔާތް، އަދި ތިބޭފުޅުންގެ ދަރީންނާއި ދަރީންގެ މުޅި ހަޔާތް ވެސް މުޅިން އެކުގައި ބަދަލުކޮށްލުމުގެ ފުރުސަތު ތިބޭފުޅުންނަށް އެދެއްވެނީ އެއް ވޯޓު. އެއީ އެ ވޯޓު މުހިއްމުވާ ސަބަބަކީ. އެވޯޓު ނުރަނގަޅު ގޮތަކަށް ގޮސްފިނަމަ، ތިޔަބޭފުޅުން މިއަދު ތި ތިއްބެވި އެ ހާލަތަށްވުރެއް އެތައް ދަރަޖައެއް ދަށު ހާލަތަކަށް ދިއުމުގެ ފުރުސަތު ވެސް ހަމަ މިވޯޓުން އެބަ ލިއްބައިދޭ،" އޭނާ ވިދާޅުވިއެވެ.

އިލްޔާސްގެ މި ކެމްޕޭން ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ، " އިބްރާހީމް މުޙައްމަދު ދޫކޮށްލާ. އިބްރާހީމް މުޙައްމަދު ބޮޑުތަނުން ފެއިލްވެއްޖެ. އެ 5 އަހަރު އަޅުގަނޑުމެންނަށް ފެނިއްޖެ. ދެން އެ 5 އަހަރެއް އަޅުގަނޑުމެން ބޭނުމެއް ނޫން،" ކަމަށެވެ.

" ޑިމޮކްރެޓުން މިއަންނަނީ ދިވެހިރާއްޖޭގެ ހިންގުމާ ދިވެރާއްޖޭގެ ވެރިކަމާ ހަވާލުވާން. ފަރުދީ ތަނަވަސްކަމާ އަބުރުވެރި ހަޔާތަކާ މިނިވަންކަމާ މި މަސައްކަތަށް އަޅުގަނޑުމެން ފެށި މަސައްކަތް އަލުން އަނބުރާ ހަމަމަގަށް އަޅުވާން،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް އިބްރާހީމް 5 އަހަރުގެ ދައުރެއް ނިންމަވާލެއްވި އިރު ކުރިންވީ ވަޢުދުތައް ނުފުއްދުނުތާނގައި ގައުމު ގޭންގުތަކާއި ޓެރަރިސްޓުންގެ ހާއްޔަކަށްވެސް ހަދައިފި ކަމަށެވެ.

"5 އަހަރު ދުވަސް ނިންމާލާފައި ދެވަނަ ދައުރަކަށް ކުރިމަތި ލައްވާފައި އެ ވިދާޅުވަނީ އެދުވަހުވީ ވައުދުފުއްދަންވެގެން ތިމަންނާއަށް އަނެއްކާ އަނެއް 5 އަހަރު ބޭނުމޭ،" އޭނާ ވިދާޅުވިއެވެ.

" ކޮވިޑަކީވެސް އެދިމާވި ހިތާމަވެރި ހާލަތަކީވެސް މެނިފެސްޓޯއަށް ސްލޯގަންއެއް ހަދާން ބޭނުންކުރާ ބޮޑު އީދެއްހެން އެ ބޭނުންކޮށްފާ، ބަލާލާފައި ދެން އެ ވިދާޅުވަނީ މިއީއޭ އަމާންކަމަކީ ތިމަންނާއަށް ދެވަނަ ދައުރެއް ދޭށޭ." އިވާ ވިދާޅުވިއެވެ.

އީވާ ޢަބްދުﷲ-- ފޮޓޯ: ޑިމޮކްރެޓްސް

 

ރައީސް އިބްރާހީމްގެ 5 އަހަރުގެ ދައުރު ނިމުނުއިރު، މަގުމަތީގައި ޑަސްބިން ހޮވައިގެން ކާމީހުންނާއި، ނިދާނޭ ތަނެއް ނެތިގެނ ނެރުފައިކައްޓާއި މާރުކޭޓާއި މާލޭގެ މަގުތަކުގައި ބިތްޖެހިފައިތިބި ކުދީން އެބަފެންނަކަމަށާއި އާސަންދައާއި އެންސްޕާއަކީ ވެރީންގެ އަރިހު ރައްޔިތުން ސަލާންޖަހާންޖެހޭ އެއްޗަކަށް ހަދައިފި ކަމަށާއި، މުދަލާ ޚިދުމަތުގެ އަގު އެތައް ގުނައެއް އުފުލިއްޖެކަމަށާއި، މިހުރިހާ ކަމެއް ބަދަލުކުރުމަށް ކެންޑިޑޭޓް ނަމްބަރު 7އަށް ވޯޓު ދިނުމަށް އޭނާ ރައްޔިތުންގެ ކިބައިން އެދިލެއްވިވެ.

މީގެ އިތުރުން މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވީ، އޭނާވެސް ރައީސް އިބްރާހީމްގެ އަރިހުގައި ހުންނެވި ނަމަ ދެ ފަޅާ ރިސޯޓެއް ލިބުނީސް ކަމަށާއި، " އަޅުގަނޑު މިއަދު މިތާ މިހުރީ އަޅުގަނޑާއެކު މަޖިލީހުގައި މަސައްކަތްކުރި ބައެއް އެކުވެރީން ފަދައިން ދެފަޅާ ރަށަކާ ކުރިއަށް އޮތް ފަސް އަހަރަށް ބޭނުންވާ ފައިސާ ލިބޭން އޮތްނަމަވެސް، އެ ދޫކޮށް، ތިޔަ ބޭފުޅުން ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވާން ބޭނުންވާތީ،" ކަމަށެވެ.

ރައީސް އިބްރާހީމްވަނީ ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލާފައި ކަމަށާއި، "މިއީ ހަމަ ޔަގީނުންވެސް ލޭގައި ކިރިޔާވެސް ވިންދެއް ޖަހާ އެކަކުވެސް ގަބޫލުކުރާނޭ ކަމެއް ނޫން،" ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، " މިރާއްޖޭގައި ގާނޫނީ ދައުލަތެއް ހިނގަމުން ނުދާކަން ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރާނެ. ހަމަ މިހެން ބުނާއިރަށް ސަރުކާރުގެ ކޮންމެވެސް މީހަކު މިކަން ދޮގުކުރާނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.

" އެހެންވީމާ ގާނޫނީ ވެރިކަމެއް ހިންގާން ނޭނގުނު ވެރިޔަކު މިގައުމުގެ ވެރިކަމަށް ދެން ހޮވާން ނޫޅޭތި. މިރާއްޖޭގައި ތިޔަބޭފުޅުން ގަބޫލުކުރާ ފަދަ ގާނޫނީ ވެރިކަމެއް ހިންގައިދޭނީ އިލްޔާސް ލަބީބު،" ކަމަށް އާޒިމް ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ ޒުވާން އެކްޓިވިސްޓް ފާޠިމަތު ޙަމްދާ މުޙައްމަދު ބުނީ، " މިކުރިއަށްދާ ދައުރުގެ ކޮންމެ ދުވަހަކުހެން ރައްޔިތުން ބަދަލަކަށް ގޮވުމަށްފަހު. ރައްޔިތުންގެ އިޚްތިޔާރުން މިވެރިކަން ނިމެން މިވަނީ އެންމެ ދުވަހަކަށް ވެފައި،" ކަމަށެވެ. " ވޯޓަކީ ހައްގެއް ފަރުދީ ޒިންމާއެއް،" ކަމަށާއި  " އަޅުގަނޑުމެންގެ ތޭރެން ބަޔަކު ރައްޔިތުންގެ އިތުބާރު، ރައްޔިތުންގެ އުންމީދުތައް ފުނޑާލައިފި،" ކަމަށާއި އެހެންކަމުން " ރައްޔިތުންނަށް ލިބެމުން ދިޔަ އެންމެހާ ފައިދާއާ މަންފާ އަލުން އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައްޔިތުން ވޯޓް ދޭންވީ އިލްޔާސް ލަބީބަށް،" ކަމަށްވެސް އޭނާ ހަރުއަޑުން ގޮވާލިއެވެ.