މި އަހަރުގެ ރިޔާސީ އިންތިހާބަށް ވެވަޑައިގެންނެވި ވައުދުތައް 31 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެ ވައުދުތައް ފުއްދަވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސްގެ ރިޔާސީ ކެމްޕެއިނަށް ހދ. ނޮޅިވަރަމްގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް 43-45 ބިލިއަން ރުފިޔާގެ ވައުދު ވެވަޑައިގެންނެވި ކަމަށެވެ. އޭގެ ތެރެއިން، ގިނަ ވައުދުތައް ފުއްދާދެވިއްޖެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިއަދު މި ހިސާބަށް އައިރުގައި މި އަހަރު އަޅުގަނޑުވީ ވައުދުތަކަށް ގާތްގަނޑަކަށް 31 ބިލިއަން ރުފިޔާ އެބަ އަރާ. އެ ވަރަށް އަޅުގަނޑުމެންނަށް ހިސާބު ކުރެވިފައި ހުރީ،" ރައީސް ވިދާޅުވިއެވެ.

އަންނަ އޮތް ދުވަސްތަކުގައި އެ އަދަދު އިތުރު ވެސް ވެދާނެ ކަމަށް ވެސް ރައީސް އިބްރާހީމް ވިދާޅުވިއެވެ.

ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުންކަމަށާއި، އެމަނިކުފާނު ވެރިކަމަށް އައިރުގައި 22 ބިލިއަން ރުފިޔާގެ އާމްދަނީއެއް 2018 ވަނަ އަހަރު ލިބުނުއިރު، މިހާރު އެ އަދަދު ވަނީ 34 ބިލިއަން ރުފިޔާ އަރާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރުގައި ދައުލަތުގެ އާމްދަނީ 45 ބިލިއަން ރުފިޔާއަށް އިތުރުކުރެވޭނެ ކަމުގެ ޔަގީން ވެސް ރައީސް ދެއްވިއެވެ.

"ތިބޭފުޅުން ޝައްކު ނުކުރައްވާ. އަޅުގަނޑުމެން މިވާ ވައުދުތައް ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށްދީ ނިންމާނަން. އެ ކެޕޭސިޓީ އެބަހުރި،" ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާޙީމް މިހެން ވިދާޅުވެފައިވާއިރު، 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނު ވެ ވަޑައިގެންނެވި ގިނަ ވައުދުތައް ފުއްދަވައިދެއްވާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ދައުލަތުގެ ދަރަނި 110 ބިލިއަން ރުފިޔާއަށް ވުރެއް މައްޗަށް އަރާފައިވާއިރު، ބޭރު ގައުމުތަކަށް ދައްކާންޖެހޭ ލޯނުތައް ނުދެއްކި ގައުމު ބަނގުރޫޓުވެދާނޭކަމުގެ ބިރު މިވަނީ ހީވެފައެވެ.