ބުރާސްފަތު ދުވަހު އުނިމާ ގްރޭންޑް ގެސްޓްހައުސްއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހިންދޫ ދީނުގެ ފާދިރީ، ޑރ. ގަނޭޝް ޑޫބޭއާއި އޭނާއާއެކު އެކަމުގައި ބައިވެރިވި އަންހެން މީހާ، ފުރުވާލައިފިއެވެ.

ހުކުރު ވިލޭރޭ، އެ ދެމީހުން ރާއްޖޭން ފުރުވާލިއިރު، އެމީހުންނާ ދޭތެރޭގައި އެޅި ފިޔަވަޅެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ، ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ހުރި އިންޑިއާ މީހަކު، ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ހޯދައިދޭ ކްލާސްތަކެއް ނަގާން އުޅޭވާހަކަ އެފަރާތުގެ ސަމާލުކަމަށް އައުމުން، "މި މައްސަލައަކީ ދިވެހިރާއްޖޭގެ ދީނީއެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނާއި، އިމިގްރޭޝަން ގާނޫނާއި ޚިލާފުކަމަކަށް ވާތީ" އެކަމުގައި ފުލުހުން ބަލާން ޖެހޭ ކަންކަން ބެލުމަށް ފަހު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

"މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހުންނާ ގުޅޭގޮތުން ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް، އިމިގްރޭޝަންއާ ރޭ ވާނީ ހަވާލުކޮށްފަ،" ފުލުހުން މީޑިއާއަށް ބުންޏެވެ.

ހިންދޫ ދީނުގެ ފާދިރީއަކު އުނިމާ ގްރޭންޑް ހޮޓެލްގައި ދީނީ ކްލާސްތަކެއް ނަގައިދޭން އުޅޭކަމުގެ އަޑުތައް ފެތުރުމާއެކު، އާންމު ރައްޔިތުންނާއި ރާއްޖޭގެ މީޑިއާތަކުން ދިޔައީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުގައިވާ ގޮތުން، ދިވެއްސަކަށް ވިޔަސް އަދި ބިދޭސީއަކަށް ވިޔަސް މިރާއްޖޭގައި، އިސްލާމީ އަގީދާއާ ފުށުއަރާ ގޮތަށް ދީނީ ނަސޭހަތެއް ނުދެވޭނެއެވެ. އަދި އިސްލާމް ދީން ނޫން ދީންތަކުގެ ފޮތްތަކާއި އެ ދީންތައް ފަތުރައި ކުރިއަރުވާ ފޮތްތައް އާންމު ތަންތާގައި ގެންގުޅުމާއި އެފަދަ ލިއުންތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ބެހުން ނުވަތަ އާންމު ކުރުމަކީ، ގަވާއިދުގައިވާ ގޮތުން މަނާ ކަމެކެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފަށް އަމަލުކޮށްފި ނުވަތަ ކުރަން އުޅެފި މީހެއްގެ އަދަބަކީ ކަމުގެ ކުޑަބޮޑު މިނަށް ބަލައި، 2 އަހަރާ 5 އަހަރާ ދެމެދު މުއްދަތަކަށް ޖަލަށްލުންނުވަތަ ގޭގައި ބަންދުކުރުމެވެ. އަދި މިގާނޫނާ ހިލާފަށް އަމަލުކުރުމުގައި އެހީވާ މީހާއާއި، އެފަދަ ކުށެއްގެ މައްލޫމާތުސިއްރުކުރާ މީހެއްގެ އަދަބަކީ، 2 އަހަރާއި 4 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ. މިގޮތަށް ވީ އެހީއަކީ، ފައިސާގެ އެހީއެއްނަމަ، އެވީ އެހީއެއްނަމަ، އެވީ އެހީއެއްގެ ކުޑަބޮޑުމިނަށް ބަލައި އެ އެހީވީމީހާ، އަދަބުގެ އިތުރަށް5000  ރުފިޔާއާއި 20000 ރުފިޔާއަ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް ކުރެވޭނެއެވެ.