ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ހޯދައިދޭ ކްލާސްތަކެއް ނަގައިދޭން، ޓޫރިސްޓް ވިސާގައި ރާއްޖެއައިސް އުޅޭ އިންޑިއާ 2 މީހުންނާ އެއްވެސް ގުޅުމެއް ނެތްކަމަށް އެ ދެމީހުން ކްލާސްތައް ބާއްވާން ހަމަޖެއްސި އުނިމާ ގްރޭންޑް ގެސްޓްހައުސްއިން ބުނެފިއެވެ.
އުނިމާ ގްރޭންޑުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އުނިމާގްރޭންޑަށް ޑައިރެކްޓް ބުކިންގ ހަދައިގެން ކުރީ ދުވަހު ޗެކިންވި އިންޑިއާގެ ޕާސްޕޯޓު ގެންގުޅޭ، ރުބޭ ގަނޭޝް Z6522538 ކިޔާ މީހަކާއި، ރަތަން ނިމިޝާ M7787253 ދެމީހުން އުނިމާ ގްރޭންޑްގެ އުސޫލުތަކާ ޚިލާފުވުމުގެ ސަބަބުން ޗެކްއައުޓްކޮށްފައިވާ ދެމީހުން ކަމަށެވެ.
މީގެ އިތުރުން، އެމީހުންގެ "ފޭސްބުކް ޕޭޖް މެދުވެރިކޮށް ޖަހާފައިވާ އިސްތިހާރަކީ، އެސްވެސް ސިފައެއްގައި މި ގެސްޓްހައުސްއަށް އެނގިގެން ކޮށްފައިވާ ކަމެއް ނޫން" ކަމަށެވެ.
ހިންދޫ ދީނުގެ މަޝްހޫރު ފާދިރީއެއް ކަމަށްވާ، ގްރޫޖީ ޑރ. ގަނޭޝް ޑޫބޭ މާލޭގެ މަޝްހޫރު ހޮޓަލެއް ކަމަށްވާ އުނިމާ ގްރޭންޑްސްގައި ޚާއްސަ ކްލާސްތަކެއް ނަގައިދޭން އުޅޭ އަޑުތަކާއެކު ޢާންމުން ވަރަށް ބޮޑަށް ރުޅިވެރިކަން ފާޅުކުރަމުން ދަނިކޮށް، ފުލުހުން ވަނީ، ޓޫރިސްޓް ވިސާގައި ރާއްޖެއައިސް އުޅޭ އިންޑިއާ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމައްސަލަ ބަލުމުންދާ ކަމަށް ބުނެފައެވެ.
މިފަހަކަށް އައިސް ރާއްޖޭގައި ހިންދޫ ދީނުގެ ކަންކަން ކުރިއަރުވަން، ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. އަދި ޚާއްސަކޮށް، ރާއްޖެއާ އިންޑިއާއާ މިފަހަކަށްއައިސް އުފެދިފައިވާ ގަދަފަދަ ޚާރިޖީގުޅުމުގެ ނާޖާއިޒު ފައިދާ މިފަދަ ކަންކަން ޕްރޮމޯޓްކުރާން ބަޔަކު އަންނަނީ ކެނޑިނޭޅި ނަގަމުންނެވެ.
ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުގައިވާ ގޮތުން، ދިވެއްސަކަށް ވިޔަސް އަދި ބިދޭސީއަކަށް ވިޔަސް މިރާއްޖޭގައި، އިސްލާމީ އަގީދާއާ ފުށުއަރާ ގޮތަށް ދީނީ ނަސޭހަތެއް ނުދެވޭނެއެވެ. އަދި އިސްލާމް ދީން ނޫން ދީންތަކުގެ ފޮތްތަކާއި އެ ދީންތައް ފަތުރައި ކުރިއަރުވާ ފޮތްތައް އާންމު ތަންތާގައި ގެންގުޅުމާއި އެފަދަ ލިއުންތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ބެހުން ނުވަތަ އާންމު ކުރުމަކީ، ގަވާއިދުގައިވާ ގޮތުން މަނާ ކަމެކެވެ.