ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ހޯދައިދޭ ކްލާސްތަކެއް ނަގައިދޭން، ޓޫރިސްޓް ވިސާގައި ރާއްޖެއައިސް އުޅޭ އިންޑިއާ މީހަކު ހައްޔަރުކޮށް، މައްސަލަ ބަލުމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، "ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ހުރި އިންޑިއާ މީހަކު، ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ހޯދައިދޭ ކްލާސްތަކެއް ހިންގާކަމަށް ބުނެ، ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާކަން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެމީހާއާއި އެކަމުގައި ބައިވެރިވާ ކަމަށް ބެލެވޭ އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި، އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުން،" ކަމަށެވެ.

މީގެ އިތުރުން "މި މައްސަލައަކީ ދިވެހިރާއްޖޭގެ ދީނީއެއްވައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނާއި، އިމިގްރޭޝަން ގާނޫނާއި ޚިލާފުކަމަކަށް ވާތީ، ކަމާގުޅޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނޭވާހަކަ ދަންނަވަން،" ކަމަށްވެސް ފުލުހުންގެ މީޑިއާއިން މައުލޫމާތުދެއެވެ.

ހިންދޫ ދީނުގެ މަޝްހޫރު ފާދިރީއެއް ކަމަށްވާ، ގްރޫޖީ ޑރ. ގަނޭޝް ޑޫބޭ މާލޭގެ މަޝްހޫރު ހޮޓަލެއް ކަމަށްވާ އުނިމާ ގްރޭންޑްސްގައި ޚާއްސަ ކްލާސްތަކެއް ނަގައިދިނުމުގައި އުޅެނިކޮށް، ޢާންމުން ވަރަށް ބޮޑަށް އެކަމާ ނުރުހުން ފާޅުކޮށްފައިވެއެވެ. އަދި ''ސްޕިރިޗުއަލް'' ލަފާދީ, ދިރިއުޅުމުގައި ދިމާވާ ތަފާތު މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތައް ކިޔައިދޭނެ ކަމަށް ބުނާ މީހަކު ރާއްޖޭގައި އުޅޭކަން ފާހަގަކުރައްވައި އެމައްސަލަ ފުލުހުންނަށް ހުށަހަޅުއްވާފައިވާކަމަށް އިސްލާމިކް މިސްޓަރު ޑރ. އަޙްމަދު ޒާހިރު ވެސް ވަނީ ވިދާޅުވެފައެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ހިންދޫ ދީނުގެ ކަންކަން ކުރިއަރުވަން، ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. އަދި ޚާއްސަކޮށް، ރާއްޖެއާ އިންޑިއާއާ މިފަހަކަށްއައިސް އުފެދިފައިވާ ގަދަފަދަ ޚާރިޖީގުޅުމުގެ ނާޖާއިޒު ފައިދާ މިފަދަ ކަންކަން ޕްރޮމޯޓްކުރާން ބަޔަކު އަންނަނީ ކެނޑިނޭޅި ނަގަމުންނެވެ.

ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުގައިވާ ގޮތުން، ދިވެއްސަކަށް ވިޔަސް އަދި ބިދޭސީއަކަށް ވިޔަސް މިރާއްޖޭގައި، އިސްލާމީ އަގީދާއާ ފުށުއަރާ ގޮތަށް ދީނީ ނަސޭހަތެއް ނުދެވޭނެއެވެ. އަދި އިސްލާމް ދީން ނޫން ދީންތަކުގެ ފޮތްތަކާއި އެ ދީންތައް ފަތުރައި ކުރިއަރުވާ ފޮތްތައް އާންމު ތަންތާގައި ގެންގުޅުމާއި އެފަދަ ލިއުންތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ބެހުން ނުވަތަ އާންމު ކުރުމަކީ، ގަވާއިދުގައިވާ ގޮތުން މަނާ ކަމެކެވެ.