ހިންދޫ ދީނުގެ މަޝްހޫރު ފާދިރީއެއް ކަމަށްވާ، ގުރޫޖީ ޑރ. ގަނޭޝް ޑޫބޭ މާލޭގެ މަޝްހޫރު ހޮޓަލެއް ކަމަށްވާ އުނިމާ ގްރޭންޑްސްގައި ޚާއްސަ ކްލާސްތަކެއް ނަގައިދިނުމުގައި އުޅެނިކޮށް، ޢާންމު ރައްޔިތުން ރަތަށް އެރުމުން ފުލުހުންގެ އެހީތެރިކަމާއެކު އޭނާ އެތަނުން ނެރެގެން ގެންގޮސްފިއެވެ.

ރާއްޖޭގައި ގިނަ ޢަދަދެއްގެ އިންޑިއާ މީހުންނާއި އެނޫންވެސް ގިނަ ޢަދަދެއްގެ ބިދޭސީން ދިރުއުޅޭއިރު، ހިންދޫ ދީނުގެ އަޅުކަންތަކާއި އަދި ހިންދޫ ދީނުގެ އެހެނިހެން ސަގާފީ ކަންކަން ނުކުރެވޭތީ އެފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައި، މިފަދަ ފާޅުކަން ބޮޑު ގޮތެއްގައި ހިންދޫ ދީނުގެ ފާދިރީއަކު މާލޭގައި ޚާއްސަ ކްލާސްތަކެއް ބާއްވާކަން އެނގުމުން ގިނަޢަދަދެއްގެ ޢާންމުން ދަނީ ރުޅިވެރިކަމާއެކު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޑރ. ޑޫބޭގެ ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ދައުވަތު ދީ، ތައްޔާރުކޮށްފައިވާ ޕޯސްޓަރެއްގައި، ކްލާސްތައް ކުރިއަށް ގެންދާނީ އުނިމާފެހި (އުނިމާ ގްރޭންޑް)ގައި އޯގަސްޓް 31ނަ ސެޕްޓެމްބަރ 1އަށް ކަމަށާއި، އޮފްލައިންކޮށް ކުރިއަށް ގެންދާ މި މުހިއްމު ކްލާސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފުރުސަތު ނަގާނުލައި އަވަހަށް ޖާގަތަށް ރިޒާވްކުރުމަށް ބުނެފައިވެއެވެ.

މިއީ މިފަދަ ފާޅުކަން ބޮޑުގޮތެއްގައި ހިންދޫ ދީނުގެ ދަރުސްތަކެއް ދޭން ރާއްޖޭގައި މިގޮތަށް ގޮވާލި ފުރަތަމަ ފަހަރެވެ. އަދި ރައްޔިތުންގެ ރުޅިވެރިކަން އޮތްވަރު ހާމަވުމުން، ޑރ. ގަނޭޝް ޑޫބޭ މިހާރު ވަނީ، ފުލުހުންގެ ހިމާޔަތުގައި އެ ހޮޓާ ދޫކޮށް ގޮސްފައެވެ.

''ސްޕިރިޗުއަލް'' ލަފާދީ, ދިރިއުޅުމުގައި ދިމާވާ ތަފާތު މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތައް ކިޔައިދޭނެ ކަމަށް ބުނާ މީހަކު ރާއްޖޭގައި އުޅޭކަން ފާހަގަކުރައްވައި އެމައްސަލަ ފުލުހުންނަށް ހުށަހަޅުއްވާފައިވާކަމަށް އިސްލާމިކް މިސްޓަރު ޑރ. އަޙްމަދު ޒާހިރު ކުރެއްވި އެކްސް (ޓްވީޓް)އެއްގައި ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުނާ މީޑިއާތަކުން ކުރި އެއްވެސް ސުވާލަކަށް އަދި މިހާތަނަށް ވަކިއެއްޗެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ޑރ. ގަނޭޝް ޑޫބޭގެ ފޭސްބުކް ޕޭޖުގައި، އެފަރާތުން ކުރިއަށް ގެންދާން އުޅުނު ސެޝަންތަކުގެ މަގުސަދު ރައްޔިތުންނަށް އޮޅުންއަރާފައިވާ ކަމަށް ބުނެ މާފައް އެދިފައިވެއެވެ. އަދި މިއީ އެއްވެސް ގޮތަކަށް ދީނީ އަދި ސިޔާސީ ބަޔަކާ ގުޅުންހުރި ކަމެއް ނޫންކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުގައިވާ ގޮތުން، ދިވެއްސަކަށް ވިޔަސް އަދި ބިދޭސީއަކަށް ވިޔަސް މިރާއްޖޭގައި، އިސްލާމީ އަގީދާއާ ފުށުއަރާ ގޮތަށް ދީނީ ނަސޭހަތެއް ނުދެވޭނެއެވެ. އަދި އިސްލާމް ދީން ނޫން ދީންތަކުގެ ފޮތްތަކާއި އެ ދީންތައް ފަތުރައި ކުރިއަރުވާ ފޮތްތައް އާންމު ތަންތާގައި ގެންގުޅުމާއި އެފަދަ ލިއުންތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ބެހުން ނުވަތަ އާންމު ކުރުމަކީ، ގަވާއިދުގައިވާ ގޮތުން މަނާ ކަމެކެވެ.