ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ރިޔާސީ ބަހުސުގައި ބައިވެރިވެވަޑައި ނުގަންނަވާނޭ ވާހަކައަކީ އެމަނިކުފާނާ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ދައްކާ ވާހަކައެކެވެ. އެބޭފުޅުން ވިދާޅުވަނީ އެފަދަ ޢިލްމީ ބަހުސަކަށް އަރާވަޑައިގަންނަވާން އެމަނިކުފާނަށް ކެރިވަޑައި ނުގަންނަވަނީ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އެފަދަ ބަހުސަކަށް އަރާވަޑައިގަތުމަށް މީގެ ކުރީންވެސް ދެކޮޅު ހެއްދެވީ، ބަހުސް މިނިވަންކަމާއެކު ކުރިއަށް ގެންދާނޭ ކަމާމެދު ސުވާލު އުފެދޭތީއެވެ.

އެއީ 2018ގެ ރިޔާސީ އިންތިޚާބާށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއާއި ގައުމީ ޔުނިވަރސިޓީ ގުޅިގެން އިންތިޒާމުކުރި ރިޔާސީ ބަހުސެކެވެ. އޭރު ވެރިކަމުގައި ހުންނެވީ، އަދުގެ ސިޔާސީ ގިނަ ފަރާތްތައް އެންމެ ޖެހިލުންވާ، އަދި އެފަރާތްތަކުން ސިފަކުރައްވާ ގޮތުން ވަރަށް "އަނިޔާވެރި" ބޭފުޅެކެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީނެވެ. އެހެންކަމުން އޭރު އެގޮތަށް ދައުލަތުގެ މީޑިއާއިން ބަހުސެއް އިންތިޒާމުކުރުމުން އޭގެ މިނިވަންކަމާ މެދު ސުވާލުއުފައްދަވައި، އޭރުގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހު ނިންމެވީ އެ ބަހުސް މިނިވަން ނުވާނޭތީ އޭގައި ބައިވެރިވެވަޑައި ނުގަތުމަށެވެ. އެދުވަސް ދިޔައީއެވެ. ޔާމީނުގެ ވެރިކަން ބަދަލުވީއެވެ. އަދުގެރައީސްމެން ވިދާޅުވާގޮތުން ނަމަ، އެ އަނިޔާވެރިކަން ނިމި އަދުލުވެރިކަމުގެ 5 އަހަރު ފާއިތުވަނީއެވެ. އިމެއް ނެތް މިނިވަންކަމުގެ ތެރޭގައެވެ. 

މިނިވަންކަން ހައްދެއް ނެތް މިންވަރަށް އޮތް ދުވަސްވަރެއްގައި، ދައުލަތުގެ ހުރިހާ ބާރުތަކެއް މި ސަރުކާރުގެ މުށުތެރޭގައި އޮއްވައި، އެއްކަލަ ޤައުމީ ޔުނިވަރސިޓީއާ ދައުލަތުގެ މީޑިއާ ގުޅިގެން "ރިޔާސީ ބަހުސް 2023"އަށް ތައްޔާރުވާތާ ދުވަސް ގަނޑެއް ވެއްޖެއެވެ. އެހެނަސް މިފަހަރުވެސް އަޑުއިވިގެން ދިޔައީ، ރައީސް އިބްރާހީމަށް ވަގުތު ހުރިގޮތުން މިފަހަރުވެސް ބަހުސްގައި ބައިވެރިވެވަޑައިގަންނަވާން އުނދަގޫފުޅު ވާހަކައެވެ. އޭގެ ފަހުން އަނެއްކާވެސް، ބަހުސުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނޭ ކަމަށް އެމަނިކުފާނުގެ ކެންޕޭން ޓީމުން މައުލޫމާތު ދިނެވެ. އޭގެ އެއްދުވަސް ފަހުން، ޕީއެސްއެމުން ވަނީ، ބައެއް ކެންޑިޑޭޓުންނަށް ވަގުތު ދެވެން ނެތްކަމަށް އަންގާފައިވާތީ، ސެޕްޓެމްބަރު 1 ވާ ހުކުރު ދުވަހުގެ ރޭ 21:00 އިން 23:00 އަށް ޕީއެސްއެމުން ތާވަލުކުރި މިފަހަރުގެ ރިޔާސީ ބަހުސު ކުރިއަށް ނުގެންދާން ނިންމި ކަމަށެވެ. 

މިހާރު ދެން، ދައުލަތުގެ މީޑިއާއިން ބާއްވާން ނިންމި މިފަހަރުގެ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާން ރައީސް ދެކޮޅު ހެއްދެވީކީ ނޫނެވެ. ދައުލަތުގެ މީޑިއާއިން ބަހުސް ނުބޭއްވީ ތާއެވެ. އެކަމާ ރައީސް ކުރައްވާނޭ ކަމެއްވެސް ނެއްތާއެވެ.

ދައުލަތުގެ މީޑިއާއިން ނެރުނު ބަޔާނެއްގައި ބުނީ، އިންތިޚާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭގޮތަށް މި ބަހުސް ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް، ކެނޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ މި ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތްކަމަށެވެ. އަދި އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވުމުން ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީޚަކަށް ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމެއްކަމަށް ދެކޭކަމަށެވެ. އަދި ސަންގު ޓީވީން ބާއްވާ ބަހުސްގައި ޕީއެސްއެމްއިން ޕާޓްނަރވެގެން ކުރިއަށްގެންދިއުމުގެ އިންތިޒާމްތައް ވަމުންދާކަމަށެވެ.

ރާއްޖޭގައި މިވަގުތު ކުރިއަށް ގެންދާ އެންމެ ބެލަންސް އެއް ޗެއްނަލްކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ސަންގު ޓީވީން ބާއްވާ، ރިޔާސީ ބަހުސަކީ ހަމަ އެކަނި ޕާޓީ ލައިނުން ވާދަކުރާ ކެންޑިޑޭޓުންނަށް ފުރުސަތުދޭ ބަހުސަކަށް ވުމުން، ދައުލަތުގެ މީޑިއާއިން މި ޖެހި ސަކަރާތަކާ ހުރެ، މި ފަހަރުގެ ބަހުސުގައި ޢުމަރު ނަޞީރާއި ފާރިސް މައުމޫނާއި ހަސަން ޒަމީލަށް ބަހުސުކޮށްލާނޭ ފުރުސަތުވެސް ގެއްލުނީއެވެ.

ރައީސް ބަހުސަށް ފިއްލަވާނޭކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް އިބްރާހީމަށް އިޝާރަތްކުރައްވައި، "ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ނުވާނެ ޑިބޭޓުގައި ބައިވެރިވާން. ބަހުސަކުން އެނގިވަޑައިގަންނަވާނެ އެބޭފުޅާގެ އެގާބިލުކަން ނެތްކަމާ، ބައިވެރިވަޑައިގެންފިއްޔާ ވަރަށް ބޮޑަށް ފަޟީހަތްވެގެންދާނެކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ޢާންމުގެ ތެރޭންވެސް ގިނަ ބަޔަކު ދަނީ، ރިޔާސީ ބަހުސަކީ މެންބަރުން ވަޒަންކޮށްލާން ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށާއި، އެފަދަ ފުރުސަތެއްގައި ހުރިހާ ކެންޑިޑޭޓުން ފެނުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ބުނަމުންނެވެ. އަދި ކެމްޕޭނަށް ދެވޭ އެންމެ މުޙިއްމު ވަގުތު ކޮޅަކީވެސް މިފަދަ ބަހުސެއްގެ ވަގުތުކަމަށް ވޯޓުލާން ތިބި ރައްޔިތުން ބުނެއެވެ.

ދައުލަތުގެ މީޑިއާއިން ފަހުން ބުނެފައިވަނީ، ޕީއެސްއެމުން ސަންގު ޓީވީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސް އޮންނާނީ ސެޕްޓެމްބަރު 2 ވާ ހޮނިހިރު ދުވަހުގެ ރޭ 21:00 އިން 23:00 އަށް ކަމަށެވެ. މި ބަހުސް ބާއްވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެހީތެރިކަމާއި އެއްބާރުލުމާއިވެސް އެކުގައެވެ. އަދި ހުރިހާ ކެންޑިޑޭޓުންވެސް ބައިވެރި ވާނޭ ކަމަށެވެ.

ދައުލަތުގެ މީޑިއާއިން މިފަހަރުގެ ބަހުސަށްވެސް އިންތިހާއަށް ތައްޔާރުވިއެވެ. 2018 ވަނަ އަހަރަށްވުރެވެސް ބޮޑަށެވެ. ނަމަވެސް، ކޮންމެވެސް ސަބަބަކާ ހުރެ، ދައުލަތުގެ މީޑިއާއަށް މަޖުބޫރުވީ، އަމިއްލަ ޓީވީޗެނަލެއްގެ ފައިބުޑަށް ވެއްޓޭށެވެ. މިނިވަންކަން އިންތިހާއެވެ. ނަމަވެސް އަމިއްލަ ބާރުގައި ބަހުސެއް ބާއްވައިލާނޭ މިނިވަންކަން ގެއްލުނީއެވެ. ހަމަ ޔަގީނުންވެސް ދައުލަތުގެ މީޑިއާގެ މުވައްޒަފުން ތިބީކީ ބަހުސު ކެންސަލުކޮށްލުމުން އުފަލަކުން ނޫނެވެ. މީޑިއާއެއްގައި މަސައްކަތްކުރާ ފަރާތްތަކުގެ އެންމެ ބޮޑު އުފަލަކަށް ވާނީ، އެއިރެއްގެ އެންމެ ބޮޑުވާހަކަ، އެއީ ތިމަންނާމެން ލީޑުކުރާ ވާހަކައަކަށް ހެދުމެވެ. ނަމަވެސް ދައުލަތުގެ މީޑިއާ މިނިވަން ނޫންކަމަށް އަދިވެސް ބިރުފުޅުގަންނާތީ ކޮންމެވެސް ނުފޫޒެއްގެ ތެރޭން މިވަނީ، ބަހުސުވެސް ކެންސަލް ވެފައެވެ.