ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ވަޒަންކުރާ ބައިނަލްއަގްވާމީ ފަރާތްތަކާއި އަދި ރާއްޖޭގެ ފަރާތްތަކުންވެސް ތަކުރާރުކޮށް ބުނަމުން ދަނީ، މިއަދު ރާއްޖެ ކޮރަޕްޝަންގެ ހާއްޔަކަށް ވެފައިވާ ކަމަށާއި، މިފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ސަރުކާރާ ގުޅިފައިވަނީ، ކޮރަޕްޝަނުގެ ތެރޭންކަން ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެނގޭނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އިތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޚްމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ދެބައިވެ، އަލަށް އުފެދުނު ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އިންތި ވިދާޅުވީ، މީހަކު "އިންސާނުންގެ ބުއްދިއާ އެއްގޮތަށް ވިސްނާލާ ކޮންމެ ފަރުދަކަށް އެނގޭނެ، އެވަރުގެ ވަރުގަދަ ގޮތެއްގައި ޝަހުސިއްޔަތު ދައްކަމުން ދައްކަމުން ވަޑައިގެން ކުއްލިއަކަށް އޯވަނައިޓަކުން މީހާ އެ ދެއްކި ހުރިހާ ވާހަކައަކާ ދެކޮޅަށް އެނބުރިލާނީ ކޮންމެވެސް ކަމެއް އޭގެ ތެރޭގައި ހިމެނޭތީ،" ކަމަށެވެ.

"އެމީހެއްގެ ގަދަރާއި ޢިއްޒަތް ހިފަހައްޓާނީ އެމީހެކޭ މި ދަންނަވަނީ އެހެންވެ. ހަމަ ޔަގީނުންވެސް އަޅުގަނޑުމެން ދޫކޮށް އެ ވަޑައިގެންނެވި މެންބަރުގެ އިއްޒަތާ ގަދަރު އުފުލިގެނެއް ނޫން އެކަމުގައި ދާނީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގަނެވިއްކާ ބާޒާރުގައި އެގޮތަށް ބަދަލުވާ މެންބަރުންނާ ދޭތެރޭގައި ރައްޔިތުން ވަރަށް އަވަހަށް ގޮތް ނިންމަވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ރައްޔިތުން އެއާ ދޭތެރޭގައި ގޮތް ނިންމަވާނޭ ކަންތައްތައް. އެއީ ކީއްވެގެން ބަދަލުވި ބަދަލުވުމެއްކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ،" އެމްޑީޕީގެ މި ސަރުކާރަކީ ހަމަ ޔަގީނުންވެސް ރައްޔިތުން ބަދަލުކުރާނޭ ސަރުކާރެއް ކަމަށާއި، ފެތެމުންދާ އޮޑިއެއްގެ ދިރުނބާކޮޅަށް އެރުމަކީ ބުއްދިވެރިކަމެއް ނޫންކަން ފާހަގަކުރައްވައި އިންތި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "މުދާ ގަނެ ވިއްކާ ފަދައިން، މިއަދުގެ ސަރުކާރާ މި އެމްޑީޕީ ވެފައި މިވަނީ، އިންސާނުން ގަންނަ ތަނެއްގެ ގޮތުގައި. އިންސާނުން ގަނެހަދާ މުއައްސަސާއެއް ނުވަތަ ސަރުކާރެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެނަށް އެބަ އިނގޭ. މިއީ ރައްޔިތުން ވަރަށް ކަންބޮޑުވާކަމެއް." ކަމަށެވެ.

ފަސާދައާ ކޮރަޕްޝަންގެ ތެރެއަށް މިގޮތަށް ގެނބިގެން ދިއުމަކީ ވަރަށް ދެރަވަރުކަމެއްގެ ގޮތުގައި ސިފަކުރައްވައި އިންތި ވިދާޅުވީ، "ރައްޔިތުންގެ މަޖިލިސްތެރޭގައި ވެސް ހަމަ މުދާ ގަންނަ ފަދައިން ގަތުން، މީހުން ގަތުން، ސަރުކާރުގެ ބާރުވެރިކަން ނަގަން، ދައުލަތުގެ، ރައްޔިތުންގެ ފައިސާއިން، ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން މީހުން ގަތުމުގެ އެއީ ހާދަ ދެރަ ހާލަތެކޭ. އިންސާނުން ގަތުމުގެ މުޢާމަލާތް ހިންގުމަކީ އެއީ ހާދަ ދެރަ ހާލަތަކަށް ގައުމު ވައްޓާލާ އެނިޔަތުގައި މަސައްކަތްކުރާ ސަރުކާރެއްކަން އަޅުގަނޑުމެންނަށް އެނގޭ ހިސާބަށް ދިއުމަކީ ހާދަ ދެރަވަރު ކަމެކޭ. މިއީ ދިވެހި ރައްޔިތުން މި ސަރުކާރު ބަދަލުކުރާނޭ އަނެއް ސަބަބުން ކަމުގައި އަޅުގަނޑު ހަމަ ޔަގީނުންވެސް ދެކޭ ސަބަބެއް." ކަމަށެވެ.

އިންތި މިގޮތަށް ވާހަކަފުޅު ދައްކަވާފައި ވަނީ، ޑިމޮކްރެޓުންގެ ދެ މަޖިލިސް މެންބަރަކު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ތިއްބަވާފައި ކުއްލިގޮތަކަށް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ. އެއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފާއި އއ. ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިއާންއެވެ.