މިއަދުން ފެށިގެން، އިމާމުވެ ހުކުރު ނަމާދުކުރާ ހުރިހާ ޚަޠީބުން  ޖުއްބާލައިގެން ހުކުރުނަމާދު ކުރާގޮތަށް ހަމަޖައްސައި އެގޮތަށް ޢަމަލުކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނީ، މިއީ ހުކުރު ކުރާ ހުރިހާ ޚަޠީބުންނަކީވެސް އެއްގޮތަކަށް، އެއް މިންގަނޑަކަށް ހެދުން އަޅާބަޔަކަށް ހަދައި، އިމާމުންނާއި ޚަޠީބުންގެ ހައިބަތު ދެމެހެއްޓުމުގެ މަޤްސަދުގައި ޢަމަލުކުރަން ފެށި އުސޫލެއް ކަމަށެވެ. މި އުސޫލަށް މިވަގުތު އަމަލުކުރާން ހަމަޖެހިފައި ވަނީ، ހަމައެކަނި މާލޭ ސަރަޙައްދުގެ ޚަޠީބުންނަށް ކަމަށްވީ ނަމަވެސް، ކުރިއަށް އޮތްތާނގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިގޮތަށް ޢަމަލުކުރަންފަށާނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޖުއްބާލައިގެން ހުކުރުނަމާދު ކުރުމަކީ ދުނިޔޭގެ އިސްލާމީ ޤައުމުތަކުގައި ކުރަމުން އަންނަ ކަމެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މާލޭ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރުކުރާ ހުރިހާ ޚަޠީބުންނަށް ޚާއްސަ އެލަންވަންސެއް ކަނޑައަޅައި، ކޮންމެ އަހަރަކުވެސް މިނިސްޓްރީން ޖުއްބާއާއި ތާކިހާ ފޯރުކޮށްދޭނޭ ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި މިފަދައިން ޢަމަލުކޮށްފައިވީނަމަވެސް، ވަކި ގޮތަކަށް ކަނޑައެޅިގެން ވަކި އުސޫލެއްގެ ދަށުން ހެދުން އެޅުމުގެ މިންގަނޑު ހިފެހެއްޓިފައިނުވެއެވެ. ނަމަވެސް މިއަދު ޢަމަލުކުރަންފެށި އުސޫލާ އެއްގޮތަށް މީގެފަހުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.