ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އައްޑޫ ސިޓީން ދޫކުރުމަށް ސަރުކާރުން އިއުލާނުކުރި ގޯތިތަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އައްޑޫ ސިޓީ ކައުންސިލުން ގެޒެޓްކޮށްފިއެވެ.

މިއަހަރުގެ ކުރީ ކޮޅު އައްޑޫ ސިޓީން 1000 ގޯތި ދޫކުރުމަށް ސިޓީ ކައުންސިލުންވަނީ ނިންމައި އެކަން އިއުލާނުކޮށްފައެވެ. މި ދެންނެވި 1000 ގޯއްޗަށް އެދި 4160 މީހަކު ފޯމު ހުށަހަޅާފައި ވާއިރު، އޭގެ ތެރޭން 3972 ފަރާތެއް ޝަރުތު ފުރިހަމަވާކަމަށް ވެއެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން ރާއްޖޭގެ ކުދިކުދި ރައްރަށުގެ ބިންތައްވެސް ބޭކާރުގޮތުގައި ހިއްކައިގެން ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރުމަށް ރައްޔިތުންގެ ގިނަ ބަޔަކު ދެކޮޅު ހެދި ނަމަވެސް، ރާއްޖޭގެ އެންމެ އަގުބޮޑު ބިން ކަމަށްވާ މާލޭން، ވަކިބަޔަކަށް ޚާއްސަކޮށްގެން ބިންބަހާލުން އެއީ ރަނގަޅު ކަމެއްކަން ދެއްކުމަށްޓަކައި ރައީސް އިބްރާހީމުގެ ސަރުކާރުން ދަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިންހިއްކައި ގޯތި ދިނުމުގެ މަންޒަރު ދައްކަމުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެކަމަކު، މިގޮތަށް ބިން ހިއްކައިގެން މާލެފިޔަވައި، ރާއްޖޭގެ އެހެން ސަރަހައްދުތަކުން ދޫކުރާ ގޯތިތައް މީގެ 50 އަހަރު ފަހުންވެސް ރަނގަޅު ގޮތެއްގައި އާބާދު ނުވާނޭކަމާއި، ބިންހިއްކައި ކުދިއާބާދީތައް އިތުރަށް ބައިބައިކުރާން ސަރުކާރުން ކުރާމަސައްކަތް ހުއްޓާލުމަށް އާދޭސްކުރަމުން ދާއިރުވެސް އެކަން އަޑުއިވޭ ކަމަށް ހަދާނުލައި، ސަރުކާރުން ދަނީ ފަތުއަޑުކިޔާފައި މަސައްކަތާއިގެން ކުރިއަށެވެ.

އައްޑޫ ސިޓީއަށް މިހާރު ބަލާލި ކަމުގައި ވީ ނަމަވެސް، މީހުން ދިރިނޫޅޭ ފަޅު ގޯތިތައްވެސް އިންތިހާއަށް ގިނަކަމަށް އެ ސިޓީގެ ރައްޔިތުން ދަނީ ބުނަމުންނެވެ. ބިން ހުއްކުމުގެ ބަދަލުގައި، އައްޑުއާއި ހައްދުންމަތީ ގަން ފަދަ ބިޔަ ބޮޑު ރައްތަކުގައި ފެންވަރު ރަނގަޅު ހޮސްޕިޓާތަކާއި ތައުލީމީ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތައް އެ ސިޓީގައި މާލެއާ އެއްފެންވަރަށް ނުވަތަ އެއަށް ވުރެ ރަނގަޅު ކުރެވިއްޖެ ނަމަ، މާލެއަށް މިހާރު ކުރިމަތިވެފައިވާ ތޮއްޖެހުމަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނޭކަން ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ.

އައްޑޫ ސިޓީން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުތު ހަމަނުވާ 5 އިންސައްތައެއްހާ މީހުން ތިބި އިރު، މިހާރު ސަރުކާރުން ދަނީ، އެ ފަރާތްތަކަށްވެސް ޝަކުވާ ހުށަހަޅާން ފުރުސަތު ދީ، ޝަރުތު ހަމަވާ އެންމެނަށް ބިންހިއްކައިގެން ނަމަވެސް ގޯތި ދޭނޭކަމުގެ ވައުދުވެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވޭނޭ ހުރިހާ މަގެއް ކޮށަމުންނެވެ.

އައްޑޫ ސިޓީން މިފަހަރު ދޫކުރަން ހުޅުވާލީ 1000 ގޯތި ދޫކުރާން ހަމަޖެހިފައިވަނީ، ހިތަދޫއިން 500 ގޯތި، ފޭދޫއިން 300 ގޯތި، އަދި ހުޅޫދޫ އަދި މީދޫއިން ކުރެ ކޮންމެ އަވަށަކުން 100 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. މީދުއާއި ހުޅުދޫން ދޫކުރަން ނިންމފައި ވަނީ 2،000 އަކަފޫޓްގެ ގޯއްޗެވެ. އަނެއް ދެ އަވަށުން ދޫކުރަނީ 1،500 އަކަފޫޓްގެ ގޯއްޗެވެ.