ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހަމަޖެހިފައިވާ ހުޅުމާލޭ ފަޅުގެ ސަރަހައްދު ހިއްކަން ތައްޔާރުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އަރާ ބްރިޖުތައް ފެށޭ ހިސާބުން ދެވަނަ ފިޔަވަހީގެ މިހާރު ހިއްކާފައި އޮތް ބަޔާ ޖެހެންދެން އޮތް ސަރަހައްދަކީ މީގެ ކުރިން ކްރޫޒް ޓާމިނަލް އަޅަން ހަމަޖެހިފައި އޮތް ސަރަހައްދެކެވެ. އެކަމަކު، މި ސަރުކާރުގައި އެ ސިޔާސަތު ބަދަލުކޮށް އެތަން ހިއްކައި މާލޭ ރަައްޔިތުންނަށް ބިން ދިނުމަށް ވަނީ ނިންމައިފައެވެ.

ހުޅުމާލެ ބަލަހައްޓާ އާބަންކޯ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުގައިން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަކަށް އެ ފަޅުގައި އަޅާފައިހުރި އުޅަނދު ތަކާއި އަޑިއަށް ގޮސްފައިހުރި އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް ބޭނުންވާ ކަމަށެވެ. އެކަމަށް އެ ކޯޕަރޭޝަނުން ދިނީ އެއް މަހުގެ މުއްދަތެކެވެ.

އެ މުއްދަތުގައި އުޅަނދުތައް ނުނަގައިފި ނަމަ 'ތިލަފުއްޓާއި ގުޅީފަޅުގެ ފަޅުތެރެއަށް ދޫކޮށްފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު އަމަލުކުރާ އުސޫލު'ގެ ދަށުން އެތަކެތި އެހެން ސަރަހައްދަކަށް ބަދަލުކުރާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެގޮތަށް ގެންދާ ގެންދިއުމުގައި އެ އުޅަނދަކަށް ލިބޭ ގެއްލުމަކަށާއި އެ އުޅަނދެއް އެ ތަނުގައި ބޭއްވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ. 

ކައުންސިލްގެ އިހްތިސޯސްތެރޭގައި ހިމެނޭކަމެއް ކުންފުންޏެއްގެ ބެލުމުގެ ދަށަށްލައި، ލާމަރުކަޒީ ގާނޫނުން ލިބިދީފައިވާ ހުރިހާ ބާރުތަކެއް ކަނޑުވާލައިގެން އަދި އެތަކެއް ހާސް ރައްޔިތުންގެ ކަންބޮޑުވުންތައް ބޮލާލައިޖަހައި، މި ސަރުކާރުން މާލޭގެ ވަކި ޝަރުތުތަކެއް ހަމަވާ 19،000 އަށް ވުރެ ގިނަ މީހުންނަށް ރާއްޖޭގެ އެންމެ އަގުބޮޑު ބިމުން ހިލޭ ގޯތި ދޭން ނިންމާފައިވާއިރު، އޭގެ ތެރޭގައި ހުޅުމާލޭ ފަޅު ހިއްކައިގެން އުފައްދާ ބިމުން ދޫކުރާ ގޯތިތައް ވެސް ހިމެނެއެވެ.