ގާތްގަނޑަކަށް 12،000 މީހުންގެ އާބާދީއެއް އޮންނަ، ޏ. ފުވައްމުލައް ސިޓީގެ ހޮސްޕިޓަލުގައި އާ އެކްސްރޭ މެޝިނެއް ބަހައްޓައި، ޚިދުމަތްދޭން ތައްޔާރުވެއްޖެއެވެ.

ވޭތުވެދިޔަ 5 އަހަރު ތެރޭގައި ވެސް އެ ސިޓީގެ ހޮސްޕިޓަލްގައި ބޭނުންކުރަމުން އައީ، މީގެ 12 އަހަރު ކުރީން އެރަށު ހޮސްޕިޓަލްގައި ބޭނުންކުރާން ފެށި ކުޑަކުޑަ ޕޯޓަބަލް އެކްސްރޭ މެށިނެކެވެ.

ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުޑަދުވަސްކޮޅަކަށް ވުމުން، ސަރުކާރުން ވަނީ، ޚާއްސަ ސަމާލުކަމެއް ދީގެން އަތޮޅުތަކުގައި ނުހިންގި ހުރި މިފަދަ ބިޔަ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ގަދައަޅައި މަސައްކަތްކުރަމުންނެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުން، އެ ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް، 60 ވަރަކަށް އެކްސްރޭ ނަގާން ޖެހެއެވެ. އަލަށް ބަހައްޓާ މެޝިނުން ފެންވަރު ރަނގަޅު އެކްސްރޭތައް ނެގޭނެ ކަމަށާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި މެމޮގްރަފީގެ ޚިދުމަތްފެށުމަށްވެސް ތައްޔާރުވަމުން އަންނަ ކަމަށް ވެއެވެ.