ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗްގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އެ ހޮސްޕިޓަލްގައި 8 އެނދުގެ އޮންކޮލޮޖީ ވޯޑެއް ހުޅުވައިފިއެވެ.

ބުދަދުވަހުގެ މެންދުރުކުރީގައި އައިޖީއެމްއެޗުގައި ބޭއްވި ރައްމިއްޔާތެއްގައި އޮންކޮލޮޖީ ވޯޑު ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

އައިޖީއެމްއެޗްގައި މިއަދު ހުޅުވި 8 އެނދުގެ އޮންކޮލޮޖީ ވޯޑުގައި، ބަލި މީހުންނަށް ޚާއްޞަ 2 ފާޚާނާ އާއި، ނާސިންގ ސްޓޭޝަނާއި، ވެއިޓިންގ އޭރިއަކާއި ސްޓާފް އޭރިއާއެއްގެ އިތުރުން މެޑިކަލް ސްޓޯރ ރޫމަކާއި، އިދާރީ އޮފީހެއް ހުންނާނެއެވެ.

މިރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގައި އިތުރު ޚިދުމަތްތައް ތަޢާރަފްކޮށް ޚިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަ ކުރައްވައި، މިއަދު ފެށިގެން މިދާ އޮންކޮލޮޖީ ވޯޑުގެ ޚިދުމަތަކީ، ވަރަށް މުހިންމު ޚިދުމަތެއްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، ޞިއްޙީ ޚިދުމަތް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކްލީފް ކުޑަކުރުމަށް އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށްވެސް ޚާއްޞަ ސަމާލުކަމެއްދީގެން ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި ރީޖަނަލް ހޮސްޕިޓަލްތައް ތަރައްޤީ ކުރެވިފައިވާ ކަމަށާއި، ރާއްޖޭގެ އުތުރުން ދެކުނަށް ނަޒަރު ހިންގާލާއިރު، ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ މަހަކުވެސް އައު ޚިދުމަތްތައް އެހޮސްޕިޓަލްތަކުގައި ފެށިގެންދާތަން ފެންނާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.