ސަރުކާރުން ކުރާ ބޭކާރު ޚަރަދުތަކާއެކު ރާއްޖޭގެ ދަރަނި ބޮޑުވެ، ގައުމު ބަނގުރޫޓް ވެދާނޭކަމުގެ އިންޒާރު ދުނިޔޭގެ މާލީ އިދާރާތަކުން ދެމުންދަނިކޮށް އަނެއްކާވެސް ދައުލަތުގެ ބަޖެޓް ސަޕޯޓަށް ކަމަށް ބުނެ 5 މިލިއަން ޔޫރޯގެ ލޯނެއް ނަގައިފިއެވެ.

ސަރުކާރުން 50 މިލިއަން ޔޫރޯ (844 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގާފައި މިވަނީ ބޭރުގެ އަމިއްލަ ފަރާތަކުން ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް މިއާ ގުޅޭ އިތުރު މައުލޫމާތެއް ފިނޭންސުން ނުދެއެވެ.

ދައުލަތުގެ ޖުމުލަ ދަރަނި މިހާރު ފެންނާން ހުރި ހިސާބުތަކަށް ބަލާއިރު ހުރީ، 108 ބިލިއަން ރުފިޔާގައެވެ. ރަނގަޅު އޮޑިޓެއް ކޮށްފި ނަމަ، މި ޢަދަދު މިއަށް ވުރެ ބޮޑުތަނުން އިތުރުވާނޭކަމަށް މާހިރުން ލަފާކުރެއެވެ.

ސަރުކާރުން މިއަހަރަށް ކަނޑައެޅީ ބަޖެޓަކީ 42.6 ބިލިއަން ރުފިޔާގެ، (14.4 ބިލިއަން ރުފިޔާގެ) ޑެފިސިޓް ބަޖެޓެކެވެ. ދައުލަތުން ބަޖެޓަށް ފައިސާހޯދަން އަންދާޒާ ކޮށްފައިވާ މިންވަރާ ގާތަށްވެސް ފައިސާ ނުލިބެއެވެ.

ދަރަނި ބަޖެޓެއްގައި، ބޭރުގެ ހިލޭއެހީގެ ގޮތުގައި 2.8 ބިލއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް، މިހާތަނަށް މިސަރުކާރަށް ބޭރުން ލިބިފައިވަނީ އެންމެ 8 ޕަސެންޓެވެ. ޓީބިލު ވިއްކައިގެންނާއި ލޯނު ނަގައިގެން ބަޖެޓް ފަރުޖައްސާން ބެލިކަމުގައި ވީނަމަވެސް، އެ އަދަދުތައް ލިބިފައި ނުވާތީ، މިސަރުކާރުން ކުރާ ކަމަކީ، އިރުއިރުކޮޅުން ފައިސާ ޗާޕްކުރަނީއެވެ. އެގޮތުން މިދިޔަ ޖުލައިމަހު އެކަނިވެސް 1.1 ބިލިއަން ރުފިޔާ ޗާޕްކޮށްފައިވެއެވެ. މިގޮތަށް ފައިސާ ޗާޕްކުރުމުން ދިވެހިފައިސާގެ އަގުވެއްޓި، މުދަލާއި ޚިދުމަތްތަކުގެ އަގުއުފުލެން މެދުވެރިވެއެވެ.

މިފަހަރު މިނެގި 50 މިލިއަން ޔޫރޯގެ އިތުރުންވެސް މިއަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ، ތިން ލޯނެއް ނަގައިފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭން ނަގާފައިވާ ބޭރުގެ ދަރަނި މިހާރު ވަނީ، 49 ބިލިއަނަށް އަރައިފައެވެ. މިއީ މުޅި ދައުލަތުން އަހަރެއްގެ މައްޗަށް މިހާރު ކަނޑައަޅާ ދަރަނި ބަޖެޓަށްވުރެވެސް ބޮޑު ޢަދަދެކެވެ. ދަރަނި އިންތިހާއަށް ބޮޑުވެ ދުނިޔޭގެ މާލީ އިދާރާތަކުން ހެސްކިޔާފައި އިންޒާރުދެމުން އަންނަ އިރުވެސް، ރައީސް އިބްރާހީމްގެ ސަރުކާރުން ދަނީ، އިންތިޚާބާ ދިމާކޮށް މުސާރަބޮޑުކުރުމާ، ސިޔާސީ ވަޒީފާއިތުރުކުރުމާ، އެނޫންވެސް މިފަދަ ވަގުތަކަށް ބޭކާރު ޚަރަދުތައް އިންތިހާއަށް އިތުރުކުރަމުންނެވެ.