އޯގަސްޓް، 7، 2023 އަކީ ހަމަ ޔަގީނުންވެސް ދިވެހިރާއްޖޭގެ ސިޔާސީ ހަޔާތުގައި ކުޑަދުވަހެއް ނޫންނެވެ. އެހެނީ، އެ ހުކުމާއެކި މި ސަރުކާރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲއަށް ވެސް ވަނީ، ހަމަނޭވާ ލެވިފައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެއީ އިންސާފު ނޫންކަމަށް ބުނެ ޔާމީނުގެ ފަރާތުން ދިޔައީ ސުޕްރީމް ކޯޓަށެވެ. އެހެނީ، ޤާނޫނީ މާހިރުން ޤާނޫނުއަސާސީ މާނަކުރާގޮތުން، އަސާސީ ޙައްޤެއް ޤާނޫނުހަދާމަޖިލީހުން ޤަޞްދުގައި ކަނޑައެޅިގެން ހަނިކުރުމުގެ ނިޔަތް ގެންގުޅެފައިވާކަން މާއްދާއެއްގެ ނައްޞުން ޞަރީޙަގޮތެއްގައި ދޭހަވާން ނެތްނަމަ، އެ މާއްދާއެއް މާނަކުރަންވާނީ އެޙައްޤެއް ގެއްލިގެން ދަޢުވާކުރާފަރާތުގެ މަޞްލަޙަތުގައި ކަމަށް ބުނެ އުޅެއެވެ. އެހެން ކަމުން މިފަދަ ޝައްކުތައް އުފެދުމުން ޙައްގު ކަށަވަރުކުރާން ދާން މިއޮންނަ ފަހު މަންޒިލަކީ ސުޕްރީމް ކޯޓެވެ. އެ ކޯޓުގެ ނިޔާއަކީ ފަހުގެ ނިޔާއެވެ.

ޚިޔާނާތުގެ މައްސަލައެއްގައި މިހާރު 11 އަހަރުގެ ޖަލުހުކުމެއް ގުނަމުންދާ، އަދި 5 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައުލަތަށް ދައްކާން އޮތުމުން ރައީސް ޔާމީނަށް މިފަހަރުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައި ވަނީ، ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ އިއްތިފާގުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ދެމެހެއްޓުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމީ، ޤާނޫނުއަސާސީގައި އެގޮތަށް ބުނެފައިވާތީއެވެ. ނަމަވެސް ގާނޫނުއަސާސީގައި ބުނެފައިވާ، އިންސާފު ހޯދުމުގެ މަރުހަލާތަކަށް ރިޢާޔަތްކުރާނޭ ކަމަށް ބަލައި އެތަކެއް ހާސް ރައްޔިތުންގެ ހައްގުހޯދާން އެންމެ މަތީކޯޓަށް ދިއުމުން ދެއްކި މަގުން ހިނގާން ފަށައިފި ނަމަ ދެން ވާނޭ ގޮތަކާ މެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އެގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަރަށް ފުންނާބު އުސް ބޭފުޅެއް ކަމަށްވާ، ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަޙްމަދު ޝަހީދުވެސް ވަނީ މިއީ ރަނގަޅު ނިންމުމެއް ނޫންކަމަށް ވިދާޅުވެފައެވެ.

"الحمد لله މިއަދުން ފެށިގެން މި ޤައުމުގެ ސިޔާސީހަޔާތް ނޭވާލާނީ މުޅިން އާ ޙަޔާތަކަށް." ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ކުރެއްވި އެކްސް (ޓްވީޓް)އަކަށް ރައްދުދެއްވައި ޑޮކްޓަރ ޝަހީދު ވިދާޅުވީ، އެއީ ކުރިއެރުމެއް ނޫން ކަމަށެވެ.

ކުރިން އދ. އިން ކަޑައަޅާފައި ހުންނަ ސުޕެޝަލް ރެޕަޗުއަރގެ މަގާމުވެސް ފުރުއްވި ޑރ. ޝަހީދު ވިދާޅުވީ ޢިމްރާނުގެ އެވާހަކަފުޅަކީ މުޅިން ރަނގަޅު ވާހަކަފުޅެއް ނޫން ކަމަށެވެ.

"މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމުގެ ސަބަބުން، މުސްތަގުބަލުގައި ބާއްވާ ހުރިހާ އިންތިޚާބަކީވެސް 2018 އަދި 2023ގެ އިންތިޚާބު ތަކުރާރު ކުރުމަށް ހިތްވަރު ދެވެނީ" ކަމަށް ވެދާނޭ ކަމަށެވެ.

"އެއީ ކޮންމެ އިންތިޚާބަކާ ދިމާކޮށް އިދިކޮޅު ލީޑަރު ޖަލަށް ލެވިދާނެ. މިއީ ކުރިއެރުމެއް ނޫން،" ޑރ. ޝަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާ މިނިވަންކުރުމާއި، ޤާނޫނުއަސާސީން ލިބިދޭ އަދުލު އިންސާފުގެ ހަމަހަމަކަން އެންމެނަށް ހޯދައި ދިނުމަކީ ވެރިޔަކު ކޮންމެހެން ވާންޖެހޭ ވަޢުދެއް ނޫނެވެ. އެއީ އޭނާގެ މައްޗަށް ވާޖިބެކެވެ.

ރައީސް ޔާމީންގެ ޤާނޫނީ ޓީމުގެ އެންމެ އިސްކޮށް ހުންނެވި، ޔާމީންގެ މިފަހަރުގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޖަމީލު އަހްމަދު ވިދުވެސް ވިދާޅުވީ، "ރައީސް ޔާމީން އަށް އިންސާފު ނުލިބި ރާއްޖޭގެ ކޯޓު ނިޒާމުގެ ތެރޭގައި އެ މަނިކުފާނު ކަސްތަޅު އަޅުވައިފި. އަދި އެ މަނިކުފާނުގެ އަސާސީ އެތަކެއް ޙައްޤެއް އަނިޔާވެރިކަމާއެކު ނިގުޅައިގަނެފި." ކަމަށެވެ. ޖަމީލު ފާހަގަކުރައްވަނީ، އިސްތިއުނާފުގެ މަރުހަލާގައި ޔާމީނަށް ލިބެން ޖެހޭ އެއްވެސް ހައްގެއް ނުލިބި، ކޯޓުގެ ފަނޑިޔާރެއްގެ ޗުއްޓީއާހުރެ އަދި އިންތިޚާބާ ދިމާކޮށް ކޯޓުތެރޭގައި މައްސަލަ ތާށިކޮށްލި އިއްތިފާގަށެވެ.

އިންސާފާއި ހަމަހަމަކަން ގޭއްލޭނެ ފަދަ ގޮތަކަށް ދައުލަތުގެ ނިޒާމާއި ޝަރުޢީ ނިޒާމު ބައްޓަންވެފައި އޮވެ، ޑިމޮކްރަސީ މަރާލައި ރައްޔިތުންގެ ހައްގުތައް ގެއްލިދާނޭ ހާލަތެއް އަތުވެދާނޭކަމަށް ފެންނަ ނަމަ، އެކަން ރަނގަޅުކުރާން ތިބި ބަޔަކީ އެންމެ މަތީ ކޯޓުތަކެވެ. ފަނޑިޔާރުންނެވެ. އެކަމަށް އެންމެނަށް ހަމަހަމަ ފުރުސަތު އޮންނާން ޖެހޭނޭއެވެ.