އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވިކަމަށް ތަހުގީގީ އިދާރާތަކުން އެކުލަވައިލި ދިގު ލިސްޓުން ސަރުކާރަށް ގޮންޖެހުން ކުރިމަތިކުރުވާ ހަމައެކަނި ފަރާތް ކަމަށްވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމާއެކު ދައްކާން ޖެހޭ 5 މިލިއަން ޑޮލަރު ނުދައްކާތީ އެ ފައިސާ ހޯދާން ބަންޑާރަ ނައިބުގެ އޮފީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނޭ ކަމަށް، ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ރިއާޔަތްކޮށްފައިވާ އެއް ކަމަކީ، ސާބިތު ދަރަންޏެއް އޮތުމެވެ. އެއީ އެ ފަސް މިލިއަން ޑޮލަރުގެ ވާހަކައެވެ. ނަމަވެސް ޝަރުޢީ ދާއިރާގައި އިސްކޮށް މަސައްކަތްކުރެއްވި އަދި ކުރައްވަމުން ގެންދަވާ ގިނަ ފަރާތްތަކުން ވަނީ ސުޕްރީމް ކޯޓުން ސާބިތު ދަރަނި މާނަކުރިގޮތަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

އެގޮތުން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހްމަދު ހައިލަމް ވިދާޅުވެފައި ވަނީ، "ސާބިތު ދަރަނި ތިޔަ މާނަ ކުރެއްވީ ގޯސްކޮށް. ކޯޓެއްގެ ޙުކުމަކުން ކުރެވުނު ކަމުގައިވިޔަސް ޖޫރިމަނާއާއި ސާބިތު ދަރަންޏަކީ ތަފާތު ދެ އެއްޗެއް" ކަމަށެވެ.

މިހާރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ޤާސިމް އިބްރާހީމާއެކު ސިޔާސީ މަސައްކަތްކުރައްވަމުން ގެންދަވާ ހައިލަމް ވިދާޅުވީ، "ޖޫރިމަނާއަކީ އަދަބެއް އެއީ ސާބިތު ދަރަންޏެއް ނޫން،" ކަމަށެވެ.

" އަސާސީ ޙައްޤެއް ޤާނޫނުހަދާމަޖިލީހުން ޤަޞްދުގައި ކަނޑައެޅިގެން ހަނިކުރުމުގެ ނިޔަތް ގެންގުޅެފައިވާކަން މާއްދާއެއްގެ ނައްޞުން ޞަރީޙަގޮތެއްގައި ދޭހަވާން ނެތްނަމަ، އެ މާއްދާއެއް މާނަކުރަންވާނީ އެޙައްޤެއް ގެއްލިގެން ދަޢުވާކުރާފަރާތުގެ މަޞްލަޙަތުގައި.ކޯޓެއްގެ ޙުކުމަކުން ކުރެވުނު ކަމުގައިވިޔަސް ޖޫރިމަނާއާއި ސާބިތު ދަރަންޏަކީ ތަފާތު ދެ އެއްޗެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަދި "ޖޫރިމަނާއަކީ އަދަބެއް އެއީ ސާބިތު ދަރަންޏެއް ނޫން. އަސާސީ ޙައްޤެއް ޤާނޫނުހަދާމަޖިލީހުން ޤަޞްދުގައި ކަނޑައެޅިގެން ހަނިކުރުމުގެ ނިޔަތް ގެންގުޅެފައިވާކަން މާއްދާއެއްގެ ނައްޞުން ޞަރީޙަގޮތެއްގައި ދޭހަވާން ނެތްނަމަ، އެ މާއްދާއެއް މާނަކުރަންވާނީ އެޙައްޤެއް ގެއްލިގެން ދަޢުވާކުރާފަރާތުގެ މަޞްލަޙަތުގައި." ކަމަށްވެސް ހައިލމް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމަކާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމުގެ ހުކުމް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25އެވެ. އެހެންކަމުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ވަނީ ޔާމީނު ދަރަނިދައްކާން ޖެހޭ މުއްދަތު ހަމަވެފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، ހުކުމްގެ މުއްދަތުގައި ރައީސް ޔާމީން ފައިސާ ދައްކާފައިނުވާތީ އާއި މީރާއިން އެ ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވުމުން ވެސް އެކަން ކޮށްފައިނުވާތީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.