މާލޭގައި ސަރުކާރުން ހިންގާ އެންމެ އަގުބޮޑު އެއް މަޝްރޫޢުކަމަށްވާ އަމީނީ މަގުގެ ތާރުއެޅުމުގެ މަސައްކަތުގެ ތެރޭން، ސެގްމެންޓް 8 އަދި 9 ގައި ތާރުއަޅައި ނިންމާލައިފިއެވެ.

އެމްޓީސީސީއަށް ސަބްކޮންޓްރެކްޓްކޮށްގެން އާރްޑީސީން ކުރިއަށް ގެންދާ މި މަޝްރޫޢާ ގުޅޭގޮތުން އެ ކުންފުނިން ބުދަ ދުވަހު ބުނީ، " ތާރު އެޅުމުގެ މަސައްކަތް ފެށިފައިވަނީ ރޭގެ ވަގުތެއްގައި އަދި މަސައްކަތް ނިންމާލެވިފައިވަނީ މިއަދު،" ކަމަށެވެ.

އާރްޑީސީން ބުނީ، "މިހާރު މަސައްކަތް ކުރަމުންދަނީ ދިރާސީ އައު އަހަރު ފެށުމުގެ ކުރިން މިހާރު ތާރު އަޅާފައިވާ ބައި އާންމުންނަށް ހުޅުވާލުމަށް." ކަމަށެވެ.

 

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރަނީ 13 ސެގްމެންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ވަނީ 7 ސެގްމެންޓްގެ މަސައްކަތް އެއްކޮށްނިމިފައެވެ.

 ހެންވޭރު ކޮޅުން ފެށިގެން މާފަންނު ކޮޅާއިހަމައަށް ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި ތަރަށްގީކުރާން މި މަޝްރޫޢު އާރުޑީސީއާ ފުރަތަމަ ހަވާލުކުރީ 44 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ފަހުން ޕްލޭނިންގ މިނިސްޓްރީން ވަނީ މި މަޝްރޫޢުގެ އަގު 84.4 މިލިއަނަށް ބޮޑުކޮށްފައެވެ. ނަމަވެސް ކުރީންވެސް ހަމަ އެ މަގުގައި އަޅާން ނިންމާފައި ވަނީ ތާރެވެ. އެހެން ނަމަވެސް މަޝްރޫޢުގެ އަގު ދެގުނަ ބޮޑުކުރިޔަސް ފަހުން މުޅި މަގު ސަންގުމަރުމަރު ހިލައިން ހަދާން ނިންމާފައެއް ނުވެއެވެ.