ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް މިއަހަރު ސްޓޫޑެންޓް ލޯނު ދޭން ރައީސް ހަމަޖައްސަވާފައި ވާއިރު، ލޯނު ލިބުނު ހުރިހާ ދަރިވަރުންނަށް ވެސް ފައިސާ ހަމަޖެހިގެން ދާނޭކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ ލޯނު ލިބުނު ދަރިވަރުންނަށް "ސްޕޮންސަރ ލެޓަރ" މިހާރު ދޫކުރަމުންދާކަމަށާއި، ލޯނު ހަމަޖެހުނު ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާނެކަމަށެވެ.

ޖުމުލަ 720 ޖާގައަށް، މިދިޔަ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހު، މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުއްވައިލުމާއެކު ލޯން ފުރުޞަތަށް 1507 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރޭން ޝަރުތު ހަމަވާ 1275 ދަރިވަރުން ތިއްބެވެ. އެހެންކަމުން، ރައީސް އިބްރާހީމް ވަނީ، މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ނިންމަވާފައެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ސްޓޫޑެންޓް ލޯނުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށާއި ދަރިވަރުންނަށް ދޫކުރާ "ސްޕޮންސަރ ލެޓަރ" އިން އެ ދަރިވަރަކީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޫޑެންޓް ލޯނު ލިބިފައިވާ ދަރިވަރެއްކަމާއި، ލޯނުގެ ފައިސާ ވީހާވެސް އަވަހަށް ހަމަޖެހިގެންދާނެކަން އެނގިގެންދާނެކަމަށެވެ.

ސްޓޫޑެންޓް ލޯނާއި ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށް ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ ޚާއްސަ އޮންލައިން ސެޝަނެއް 03 އޮގަސްޓް 2023، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން  ވަނީ ނިންމައިފައެވެ.