މިއަހަރުގެ ޖޫންމަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅު ތަފާތު މައްސަލަތަކުގެ ތެރޭގައި ކުޑަކުދީންނަށް ތަފާތު ގޮތްގޮތަށް ލިބޭ އަނިޔާއާ ގުޅޭ 104 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހާމަކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީއަށް ޖޫން 2023ގައި ޖުމްލަ 228 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން، އެންމެ ގިނައިން ހުށަހަޅާފައިވަނީ އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބަވާތުގެ އަނިޔާއާގުޅޭ 104 މައްސަލައެއް ޖޫން މަހުގެ ތެރޭގައި ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލައެވެ. އެގޮތުން އިހްމާލުވުމުގެ 33 މައްސަލަ ހުށަހަޅާފައިވެއެވެ.

ކުޑަކުދީންނަށް އަނިޔާކުރުމުގެ އިތުރު މައްސަލަތަކުގެ ތެރޭގައި، ޖިންސީ އަނިޔާގެ 25 މައްސަލަ، ޖިސްމާނީ އަނިޔާގެ 18 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 12 މައްސަލަ، ނަފްސާނީ އަނިޔާގެ 7 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލަ، ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ 2 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 1 މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން، ޖޫން މަހު ޖެންޑާއަށް ހުށަހެޅެފައިވާ މައްސަލަތަކުގެ ތެރޭގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 38 މައްސަލައަކާއި، ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 39 މައްސަލައަކާއި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 17 މައްސަލައެއް ހިމެނެއެވެ.