ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް، ޖަޕާނުގެ ޚާރިޖީ ވަޒީރު ހަޔާޝީ ޔޮޝިމަސާ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ވަޑައިގެންފިއެވެ.
ޖަޕާނުގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ޖަޕާނާއި ރާއްޖެއާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމުގެ ރަސްމީ މަޝްވަރާތައް ބާއްވާނެއެވެ.
ޖަޕާނުގެ ޚާރިޖީވަޒީރެއް އެންމެ ފަހުން ރާއްޖެވަޑައިގެންފައި ވަނީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 2017 ވަނައަހަރުއެވެ.
ޚާރިޖިއްޔާއިން މައުލޫމާތުދޭގޮތުން، ހަޔާޝީ ޔޮޝީމަސާގެ މި ދަތުރުފުޅުގައި ރާއްޖޭގެ ދިފާޢީ ވަޒީރު މާރިޔާ އަހުމަދު ދީދީއާ ވެސް ބައްދަލު ކުރައްވާނެއެވެ.
މީގެ އިތުރުން، ޖަޕާން ސަރުކާރުން ރާއްޖެއަށް ދޭ އިންސާނީ ތަރައްގީގެ ސްކޮލާޝިޕްތަކާއި ރާއްޖޭގެ އަސްކަރިއްޔާއަް ދޭ އެހީތަކާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމާއި، ރާއްޖޭގެ ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޮފިޝަލް ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ޖަޕާނުން ވިސާގެ ލުއި ދިނުމުގެ އެއްބަސްވުމުގައި ވެސް ދެ ގައުމުން ސޮއިކުރާނެ ކަމަށް ޚާރިޖިއްޔާއިން ބުނެއެވެ.