ދިވެހި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 148 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ.

ހޮނިހިރު ދުވަހު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސް އިބްރާޙީމް ޝަރަފުގެ ބެޖާއި އައްޑަނަ އެރުވި ބޭފުޅުންގެ ތެރޭގައި، ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް މި ޝަރަފް ނޭރުވޭ 48 ބޭފުޅަކަށްވެސް ވަނީ ޝަރަފްގެ ބެޖާއި އައްޑަނަ އަރުވައިފައެވެ.

އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ 3 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 148 ބޭފުޅުންގެ ތެރެއިން 34 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. އަދި މިފަހަރު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން އިނާމު ޙާޞިލްކުރެއްވީ 65 ބޭފުޅެކެވެ.

މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.