އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ ހއ. އިހަވަންދޫ ބިންހިއްކުމާއި، ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުގެ ދަށުން، އެރަށަށް އިތުރުކުރާން އެއްބަސްވެފައިވާ 25 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފިއެވެ. މި މަޝްރޫޢަކީ 116.94 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެމްޓީސީސީން ބުނީ، އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ވަނީ މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ބޮޑުހިލަތަކެއްވެސް ވަނީ ސައިޓަށް ގެންދެވި އަންލޯޑްވެސް ކުރެވިފައިވާ ކަމަށެވެ.

"މިގޮތުން، ބާކީ ހުރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ %54 ފުރިހަމަކުރެވިފައިވާއިރު، މުޅި ޕްރޮޖެކްޓްގެ %75 މަސައްކަތް ވަނީ މިހާރު ނިމިފައި" އެމްޓީސީސީން ބުންޏެވެ.

އިހަވަންދޫ ބިންހިއްކާން އެމްޓީސީސީން ފެށީ މިދިޔަ އަހަރު ތެރޭގައެވެ. ނަމަވެސް އޭރު ބޭނުންކުރި ޑްރެޖަރު ހަލާކުވުމުގެ ސަބަބުން ބިންހިއްކުން ހުއްޓިފައި އޮއްވާ ރިޔާސީ އިންތިޚާބު ކުޑަތަންވުމުން، ސަރުކާރުގެ ކެމްޕޭންތައްވެސް ފެށުމާއެކު ރައްޔިތުންގެ ޝަކުވާތައް ކުރިމަތިވާން ފެށުމުން، އެމްޓީސީސީން ވަނީ ބިންހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް "ފިލިޕޯ ބްރުނެލެޝީ" ކިޔާ ޑްރެޖަރެއް ކުއްޔަށް ގެންސް މި މަސައްކަތް އަވަސްކޮށްފައެވެ.

އިހަވަންދޫގައި އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.