ގައުމެއްގެ މިނިވަންކަމަކީ އެގައުމެއްގެ ސަރަހައްދުގެ ބޮޑުކަމާއި އަދި އާބާދީގެ ގިނަކަމާ ގުޅިފައިވާކަމެއް ނޫންކަމަށް ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ވަޒީރު ވިދާޅުވީ، " މިނިވަންކަމަކީ މުވާތިނުންގެ ހިތުގައި އަޅުވެތިކަމާ ދެކޮޅަށް, އަޅުވެތިކަން ގަބޫލުނުކުރުމާ ދެކޮޅަށް ކަނޑައަޅާ ވަރުގަދަވެގެންވާ އަޒުމެއް. އިސްތިއުމާރީ ބާރުތަކަށް ބޯ ތިރިކުރުމަށް ނުރުހިގެން ތެދުވާ ވަރުގަދަ ސާބިތުކަމަކާ ހިތްވަރެއް. " ކަމަށެވެ.

މިނިވަންކަމަކީ މުވާތިނުންގެ ހިތުގައި މިނިވަންކަމުގެ ދިފާއުގައި ގުރުބާންވާންޖެހޭ ކޮންމެ ހިނދެއްގައި ކޮންމެ ސިފައެއްގައި ތެދުވެ ގުރުބާންވުމަށްޓަކައި ލޭއޮހޮރުވާލުމަށްޓަކައި ދެވޭ ހިތްވަރެއްކަމަށާއި، މިނިވަން ކަމަކީ މިނިވަންކަމުގެ ދިފާއުގައި އެއް އިހުސާސެއް ކުރާ އެންމެން އެކުގައި ގޮވައިގެން ތެދުވާ ހިކުމަތްތެރި ހިތްވަރުގަދަ ލީޑަރުންގެ މަސައްކަތުގެ ނަތީޖާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، މިފަހަކަށް އައިސް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް ބޮޑަށް ދުނިޔޭގެ އެންމެ އާބާދީ ބޮޑު، އަވައްޓެރި އިންޑިއާއަށް ބަރޯސާވާގޮތައް އަތުރާލެވައިފައިވާކަމަށް ރާއްޖޭގެ އެތަކެއް ހާސް ރައްޔިތުންނާއި ޚާއްސަކޮށް އިދިކޮޅު ސިޔާސީ ލީޑަރުން ގެންދަނީ ފާހަގަކުރަމުންނެވެ. އަދި މިފަދަ ވާހަކަތަކަށް ރައްދު ދެއްވައި، މި ސަރުކާރުގެ ބައެއް ވަޒީރުންނާއި ސިޔާސީ ޚަރަކާތްތެރީން ރާއްޖެ އިންޑިއާއަށް ބަރޯސާ ވާން ޖެހޭ ސިޔާސަތުތަކެއް ގެންގުޅޭން ޖެހޭކަން ސާބިތުކުރާން ބޭނުންވާފަދަ މޭރުމުން ވާހަކަފުޅު ދައްކަވާފައިވާކަން ވެސް ފާހަގަކޮށްލެއެވެ.

އިމްރާން ވިދާޅުވީ، ދިވެހި ކާބަފައިން ފޯރުކޮށްދީފައި މިވާ މިނިވަންކަން ފަޚުރުވެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ބޮޑުވެގެންވާ ޒިންމާއެއްކަމަށެވެ. އަދި އެޒިންމާތައް ފުރިހަމަ ގޮތުގައި އުފުލާ އެކަމުގެ ފުރިހަމަ އިހުސާސް ހުރިހާ ރައްޔިތުން އެކުގައި ކުރުމަކީ ރައްޔިތުން އަދާކުރަންޖެހޭ ޤައުމީ ވާޖިބެއް ކަމަށް ވިދާޅުވިއެވެ.