އެކި ދާއިރާތައް ކުރިއެރުވުމާއި، ޤައުމަށް ރީތި ނަން ހޯދައިދެއްވާ ބޭފުޅުންނަށް ދޭ ގައުމީ އިނާމާއި ޚާއްސަ އިނާމު މިއަހަރު 50 ފަރާތަކަށް ދެއްވައިފިއެވެ.

މި އިނާމުތައް އެފަރާތްތަކާ ޙަވާލުކުރެއްވުން އޮތީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އަންގާރަދުވަހުގެ ރޭ އިސްލާމީ މަރުކަޒު މައިދާނުގައި ބޭއްވި ޚާއްސަ ރައްމިއްޔާތުގައެވެ. އިނާމުތައް ބައްސަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙެވެ.

މިއަހަރުގެ ޝަރަފްވެރިކަމުގެ ޤައުމީ އިނާމު 4 ބޭފުޅަކަށް، 1ކުންފުންޏަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، 17 ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް ދީފައިވެއެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ފަރާތްތައް:

  • އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން - އައްޝައިޚް އަޙްމަދު ފަހުމީދީދީ، ގ.ސިނަމާލެ 1 13-01
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން - ރަޝީދާ އިބްރާހީމް، އާރު، ގދ. ތިނަދޫ
  • ފަތުރުވެރިކަމުގެ ދާއިރާއިން - ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ދަތުރުފަތުރުގެ ދާއިރާއިން - ކެޕްޓަން އަޙްމަދު ޒުބައިރު، މ. މޯނިންގވިލެޖް
  • ކުޅިވަރުގެ ދާއިރާއިން - މައިޒާން ޢަލީމަނިކު، ހ. އިސްދޫ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 18 ބޭފުޅަކަށެވެ.

މީގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކޮށް، މިއަހަރު 1 ވަނަ ދަރަޖައިގައި ފާސްވި 10 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލްވެސް މި ޖަލްސާގައި ވަނީ ދެއްވާފައެވެ.