ދައުލަތަށް 34 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ، ޑރ.މުޞްޠަފާ ލުޠުފީއަށް، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަގާމު އަދާކުރައްވަމުން ގެންދަވާ މުސްތަފާއަށް ޢިއްޒަތް އަރުވާފައި ވަނީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ޑރ. މުސްތަފާ ލުޠުފީއަކީ، ރާއްޖެ މިއަދު މި ދެކޭ ތަޢުލީމީ ނިޒާމު ބައްޓަން ކުރެއްވުމުގައްޔާއި، މުދައްރިސުން އުފެއްދެވުމަށާއި ތަޢުލީމީ ދާއިރާއިން ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ޑރ. މުސްތަފާ ލުތުފީއަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް މުހިއްމު ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ޑރ. މުސްޠަފާ ލުތުފީގެ ބައްޕާފުޅަކީ ދިޔަމިގިލީ ޝާހީ ޢާއިލާއިން ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު 2 ވަނައިގެ އައްސުލްޠާން އިބްރާހީމް އިސްކަންދަރު 2 ވަނައިގެ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ފުވައްމުލަކު ކުޑައިރަނިއެދުރުގޭ އަންނަބީލާ ޢާއިޝަތުދީދީ (ކިލެގެފާނުގެ ދޮށީދީދީ)ގެ އައްޑޫމީދޫ ގަނޑުވަރު ޙަސަންދީދީގެ ފިޔޯރީ ދޮންދީދީގެ އައްޝައިޚް އިބްރާހީމް ލުޠުފީއެވެ.