ބަންޑާރަކޮށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސިފައިންގެ އެންމެ އިސް 4 ޖެނެރަލުންނަށް މަޤާމުގެ ކުރިއެރުން ދެއްވައިފިއެވެ. އެ ބޭފުޅުންނަށް ކުރިއެރުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މިއަދު މަޤާމުގެ ކުރިއެރުން ލިބިވަޑައިގަތް ބޭފުޅުންނަކީ މޭޖަރ ޖެނެރަލްގެ މަޤާމުން ލެފްޓިނެންޓް ޖެނެރަލްގެ މަޤާމަށް މިއަދު މަޤާމުގެ ކުރިއެރުން ދެއްވި، ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ބްރިގޭޑިއަރ ޖެނެރަލްގެ މަޤާމުން މޭޖަރ ޖެނެރަލްގެ މަޤާމަށް، މަޤާމުގެ ކުރިއެރުން ދެއްވި ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މީގެ އިތުރުން މޭޖަރ ޖެނެރަލްގެ މަޤާމަށް ކުރިއެރުން ދެއްވި ދެބޭފުޅުންނަކީ އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، މޭޖަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް މޭޖަރ ޖެނެރަލް ޙާމިދު ޝަފީޤެވެ.

މިއަދު މަޤާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލްއަކީ އަސްކަރީ ތާރީޚުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާއި ހަމައަށް ވަޑައިގެންނެވި ދެވަނަ ބޭފުޅާއެވެ. މީގެކުރިން  ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގަތް ހަމައެކަނި ބޭފުޅަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަންބަރީ ޢަބްދުއްސައްތާރެވެ.