ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު ޝެއިޚް ރަހްމާން ބިން އަބްދުލް ރަހްމާން ބިން ރަހްމާ އަލް ޝަމްސީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ހޯމަދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ފަތްކޮޅު އެރުއްވުމުގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ހަރުދަނާ ގުޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ފަތްކޮޅުއެރުއްވުމަށް ބޭއްވެވި މަޝްވަރާތައް ނިންމަވާލެއްވީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.