ފުލުހުންގެ ތަހުގީގުތަކަށް ހާއްސަކޮށްގެން ހ. ފޯވިންޑުގައި 2013 ވަނަ އަހަރު ހަދާން ފެށި 10 ބުރީގެ ޢިރާރާތުގެ މަސައްކަތް ނިންމައި އެތަން ރަސްމީކޮށް ހުޅުވައިފިއެވެ. މި ޢީމާރާތަށް ދީފައިވާ ނަމަކީ ،" ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ"އެވެ.

އާދީއްތަ ދުވަހު ހެނދުނު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، މި އިމާރާތާއެކު ފުލުހުންގެ ތަހުގީގުގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން އަންނާނެކަމަށާއި ތަހުގީގު މަސައްކަތަށް އޮތް ދައްޗެއްކަމުގައި ވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި ހެންވޭރު އަވަށުގެ ރައްޔިތުންނަށް ޚިދުމަތްތައް ދިނުމަށާއި ބްރިޖް އަދި ހައިވޭ ބެލެހެއްޓުމުގެ އިހުތިސާސް ހަވާލުކުރެވޭ އައު ޕޮލިސް ސްޓޭޝަނެއް ގާއިމުވުމުން ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބި ހެންވޭރު އަވަށަށް ދޭ ސަމާލުކަން އިތުރުވެގެން ދާނެކަމަށް ވިދާޅުވިއެވެ.

 

ހެންވޭރު ދަނޑު ކައިރީގައި މިއަދު ހުޅުވިގެން ދިޔަ 10 ބުރީގެ މި އިމާރާތް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކަށް ހާއްސަކޮށްފައިވާއިރު، މި އިމާރާތުގައި އިންޓަވިއު ރޫމުތަކާއި މެސް ހޯލަކާއި ކޮންފަރެންސް ރޫމެއްގެ އިތުރުން މަލްޓިޕާޕަސް ހޯލެއް ހިމެނެއެވެ. މި އިމާރާތަށް، ކްރިމިނަލް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑިޕާޓްމަންޓުތައްކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓް، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް އަދި ޑްރަގް އެންފޯސްމަންޓް ވަނީ ބަދަލުވެފައެވެ.

މީގެ އިތުރުން އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯއާއި ހެންވޭރު ޕޮލިސްގެ މަސައްކަތްތައްވެސް މި އިމާރާތަށް ވަނީ ބަދަލުވެފައެވެ.