ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވައިފިއެވެ.

ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވީ ތިލަދުންމަތީ ރަށްތަކަށް ރައީސް އިބްރާހީމް ކުރައްވާ ރިޔާސީ ކެމްޕޭންގެ ތެރޭން، ބުދަ ދުވަހު ތުރާކުނަށް ވަޑައިގެންނެވެ.

ތުރާކުނު ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިމަސައްކަތް ކުރައްވާފައި ވަނީ، މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިގެންނެވެ.

ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ތުރާކުނުގައި މި ސަރުކާރުން ޤާއިމްކޮށްދެއްވި ކުޑަކުދިންގެ ޕާކު "އުތުރުވެހި" ވެސް ހުޅުއްވައި ދެއްވާފައެވެ.