ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޚަރަދުކުރާން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން، ދުނިޔޭގެ 3 ވަނަ އައަށް އެންމެ ބޮޑު ފަޅުކަމަށްވާ ވ. ފޮއްތެޔޮ ފަޅު ނުއަގުގައި ޤާނޫނާ ޚިލާފަށް ވިއްކާލަން އުޅޭކަމަށާއި، އެފަދަ ޖަރީމާއެއް ނުހިންގުމަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

ޕީޕީއެމުން ބުނީ، އެގޮތަށް ނުއަގުގައި ކުރެވޭ މުއާމަލާތްތައް އެ ކޯލިޝަންގެ ސަރުކާރެއްގައި އަނބުރާ ދައުލަތަށް ނަގާނޭ ކަމަށާއި، އެހެންކަމުން ކުންފުނިތަކުންވެސް ގާނޫނާ ޚިލާފަށް ނުއަގުގައި ކުރެވޭ މިފަދަ މުޢާމަލާތްތަކުގައި ބައިވެރި ނުވުމަށް ގޮވާލާކަމަށެވެ.

ނުއަގުގައި ގައުމުގެ ހަރުމުދާތައް މިގޮތަށް ވިއްކާތީ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން މިފަދަ ބަޔާނެއް ނެރުމުން އެކަމުގެ ހަގީގަތް ހޯދަން މިހާރު ނޫހުން ޓޫރިޒަމް މިނިސްޓަރ ޑރ ޢަބްދުﷲ މަޢުޞޫމާ ސުވާލުކުރުމުން އޭނާ ވިދާޅުވެފައި ވަނީ، ކްރޮސް ސަބްސިޑީ އުސޫލުން ކަންކަން ކުރުމަށް މިހާރުވެސް ގިނަ ބަޔަކާ މަޝްވަރާ ކުރެވެމުން ދާ ކަމަށާއި، އަދި އެއްވެސް ތަނެއް ނުއަގުގައި ނުވިއްކާނެ ކަމަށެވެ.

"ރާއްޖޭގެ ތަންތަނަށް އިންވެސްޓަރުންގެ ޑިމާންޑް ވަރަށް ބޮޑު. ވަރަށް ގިނަ ތަންތަނާބެހޭ ގޮތުން ވަރަށް ގިނަ ފަރާތްތަކާއެކު މަޝްވަރާ ކުރެވޭ. އެހެންވީމާ ވަކި ތަނަކާ ބެހޭގޮތުން ކުރެވެމުންދާ މަޝްވަރާއަކާ ގުޅޭގޮތުން އަޅުގަނޑަށް އަދި ވަކި އެއްޗެއް ނުބުނެވޭނެ،" ފޮއްތެޔޮ ފަޅާ ބެހޭގޮތުން ކުރިސުވާލުގެ ޖަވާބުގައި މައުޞޫމު ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ، ރައީސް އިބްރާހީމުގެ ސަރުކާރު ނިމޭން، މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ރާއްޖޭގެ އަގުހުރި ދިވެހީންގެ މުދާތައް ވަކިބަޔަކަށް މަންފާ ލިބޭގޮތަށް ނުއަގުގައި ވިއްކައި ހުސްކުރުމަކީ އެއްވެސް ރައްޔިތަކު ބަލައިގަންނާނޭ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނާ ޚިލާފު ކޮރަޕްޝަންގެ އެ ބޮޑު ޢަމަލު ބަލައި ފިޔަވަޅު އެޅުމަށް އޭސީސީއަށް ވެސް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.

"މިފަދަ ކޮރަޕްޝަންގެ ޖަރީމާތަކާއި ނުއަގުގައި ރައްޔިތުންނަށް ގެއްލުންވާގޮތަށް ހެދޭ އެއްބަސްވުންތައް ބާޠިލްކޮށް، އެފަދަ ތަންތަން ދޫކޮށްފައިވާ ފަރާތްތަކުގެ އަތުން އެތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލާނޭ ވާހަކަ ދެންނެވީމެވެ." ޖަރީމާތަކުގައި ބައިވެރިވާ ފަރާތްތަކާ ޤާނޫނު އަރައި ހަމަކުރާނޭކަން ހަނދާންކޮށްދެމުން ކޯލިޝަންގެ ބަޔާނުގައިވެއެވެ.