ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު (ހިޔާ މަޝްރޫޢު)ގެ ދަށުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެ އަޅަންފެށި ފްލެޓްތަކުގެ ތެރޭގައި ހިމެނޭ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފްލެޓްތައް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ނިންމައި އެތަނަށް މީހުންނަށް ވަދެވޭވަރު ވާނޭ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2018 ވަނަ އަހަރު ތަރައްގީކުރާން ފެށި 15 ފަންގިފިލާގެ 3 ޓަވަރުގެ އަދާހަމައެއް އެ ކުންފުނީގެ ސީއީއޯ ޝާހިދު ޢަލީ ވަނީ، އެމްޕީއެލްގެ މިއަހަރުގެ ސްޓާފް ނައިޓްގައި ދެއްވައިފައެވެ.

ކޮންޓްރެކްޓަރުންނާ ހަވާލާދެއްވައި، ޝާހިދު ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ކަބަޑް ސެޓް ޖެހުމާއި ޔުނިޓްތަކުގެ އެތެރޭގައި ކުރަންޖެހޭ ބައެއް މަސައްކަތްތައް ކަމަށެވެ. އަދި އޯގަސްޓް މަހުގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނިންމައި އެތަންތަނުގައި މުވައްޒަފުންނަށް ދިރިއުޅެވޭވަރު ވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

 

ހިޔާ މަޝްރޫޢުގެ ތެރޭން 2018 ވަނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު ޢިމާރާތްކުރާން ފެށި އެމްޕީއެލްގެ 3 ޓަވަރުގައި ޖުމްލަ 534 ޔުނިޓް ހިމެނެއެވެ. އޭގެ ތެރޭގައި އެއް ކޮޓަރީގެ 204 ޔުނިޓާއި، 3 ކޮޓަރީގެ 330 ޔުނިޓް ހިނެމެއެވެ.

މާލޭ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރާން ކުރީ ސަރުކާރުން ފެށި މަޝްރޫޢުތަކަށް މިސަރުކާރުގެ ކުރީކޮޅޮގައި މާބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް، އިންތިޚާބު ކައިރިވަމުން އަންނައިރު، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އުޅޭމަންޒަރު ފެންނަ ކަމަށް ޢާންމުން ތުހުމަތުކުރެއެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރ މަހުއެވެ.