މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީޓުކުރި މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

ރައްޔިތުން ވިޔަފާރީގެ ބޭނުމަށް އުފައްދާ ތަކެތި ރައްކާތެރިކަމާއެކު އެއްތަނުން އަނެއްތަކަށް ފޯރުކޮށްދީ، ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ހިންގުމަށް ޕޯސްޓުން ތައްޔާރުކުރި މި މޮބައިލް އެޕްލިކޭޝަން ރަސްމީކޮށް ލޯންޗުކޮށްދެއްވީ، ބުރާސްފަތި ދުވަހުގެ ރޭ އެކަމަށް ބޭއްވި ޚާއްސަ ހަފްލާއެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ.

މި އެޕްލިކޭޝަނާ ގުޅޭގޮތުން ޝައުނާ ވިދާޅުވީ، އީޓުކުރި މޯބައިލް އެޕްލިކޭޝަނަކީ ރާއްޖޭގެ މުޅި އީ-ކޮމާސް ދާއިރާއަށްވެސް ތަޢާރަފުކުރެވުނު ވަރަށް އިނޮވޭޓިވް ޕްލެޓްފޯމެއް ކަމަށެވެ. އަދި މިއީ މި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންގޮސް އެފަރާތްތަކުގެ ވިޔަފާރި މާކެޓްކުރުމަށް ލިބޭ އަގުހުރި ފުރުޞަތެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މި އެޕްގެ އެންމެ ޚާއްސަ ސިފައެއްގެ ގޮތުގައި ޕޯސްޓުން ފާހަގަކޮށްފައި ވަނީ، "ކޮމިޔުނިޓީ އޮންލައިން ޝޮޕް"އެވެ. މިއާއެކު މި އެޕް މެދުވެރިކޮށް، ކޮންމެ ރަށަކަށް ޙާއްޞަ އޮންލައިން ފިހާރަ ކޮންސެޕްޓެއް ހަމަޖެހިގެންދާނެއެވެ.

މޯލްޑިވްސް ޕޯސްޓްގެ ޚިދުމަތަށް 116 އަހަރު ފުރިގެންދާއިރު، އަލަށް ތައާރަފްކުރި އެޕާ ގުޅޭ ގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އާދަމް މުޙައްމަދު ވިދާޅުވީ ޕޯސްޓުން ރައްޔިތުންނަށް ދެމުންދަނީ ފާހަގަކޮށްލެވޭ މުހިއްމު ޙިދުމަތެއް ކަމަށާއި މިއީ މުވައްޒަފުންގެ އިހްލާސްތެރި މަސައްކަތް ކަމަށެވެ. އަދި ޕޯސްޓުން މަސައްކަތްކުރަމުން ދަނީ ކުރިއަރާފައިވާ އަމިއްލަ ކުންފުނިތަކުން އީ ކޮމާސް މެދުވެރިކޮށް ޚިދުމަތް ދެމުން އަންނަ ގޮތަށް އެ ކުންފުނިން ދެމުން އަންނަ ޕޯސްޓްގެ ޚިދުމަތްތައް ދިނުމަށް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އީ ކޮމާސްގެ ތެރެއިން ޚިދުމަތް ފުޅާކުރަން ބަލާއިރު، މިވަގުތު މިކަމަށް އޮތް ގޮންޖެހުމަކީ ފައިސާގެ މުއާމަލާތް ކުރުމުގައި ހުރި ދަތިކަން ކަމަށެވެ. އެކަންވެސް ހައްލުކުރުމަށް ކަމާގުޅޭ ދާއިރާތަކާ މަޝްވަރާކުރެވެމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.