ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް ކެންސަރ ސްކްރީނިންގ އެޕްލިކޭޝަނަކާއި ޑޭޓާބޭސް އެއް ތަރައްގީކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން 100،000 ރުފިޔާގެ އެހީއެއް ފޯރުކޮށްދީފިއެވެ.

ކުންފުނީގެ އިޖްތިމާއީ ޒިންމާ (ސީއެސްއާރ)ގެ ދަށުން، މި ފައިސާގެ ޗެކް ސީއެމްއެސްއާ ހަވާލުކުރުން އޮތީ،  އަންގާރަ ދުވަހު އެމްއޭސީއެލްގެ ކޯޕަރޭޓް އޮފީހުގައި އެކަމަށް ބޭއްވި ޚާއްސަ ހަފްލާއެއްގައި ކަމަށެވެ.

އެމްއޭސީއެލްގެ ފަރާތުން ޗެކް ހަވާލުކުރީ، ސީއީއޯ މަހްޖޫބް ޝުޖާއެވެ. ސީއެސްއެމްގެ ފަރާތުން ފައިސާއާ ހަވާލުވީ އެ ޖަމިއްޔާގެ ޓްރެޜަރަރ ނީނާ މަންސޫރެވެ.

 

ކެންސަރ ސޮސައިޓީން މިހާތަނަށް ވަނީ، 20،900 މީހެއްގެ ކެންސަރ ސްކްރީން ކޮށްފައެވެ. އޭގެ ތެރޭގައި ބްރެސްޓް ކެންސަރ، އޯރަލް ކެންސަރ އަދި ސަރވިކަލް ކެންސަރ ހިމެނެއެވެ. މި ހުރިހާ ސްކްރީންތަކަކަށް ވެސް މައުލޫމާތު އެއްކުރާން ބޭނުންކޮށްފައި ވަނީ ކަރުދާސް ފޯމެވެ. އަދި ޑާޓާތައް މެނޭޖްކުރަމުން ދަނީ މެނުއަލްކޮށް ކަމަށްވެއެވެ.

އެމްއޭސިއެލްއިން ބުނީ، އަލަށް އުފައްދ ސްކްރީނިންގ އެޕްލިކޭޝަނާއެކު ކެންސަރ ސޮސައިޓީގެ މަސައްކަތަށް އިންގިލާބީ ބަދަލުތަކެއް އަންނާނޭ ކަމަށް ގަބޫލުކުރާ ކަމަށާއި އަދި މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ލުއިފަސޭހަކަމާއެކު މައުލޫމާތުތައް ބޭނުންކޮށް، ރައްކާތެރިކޮށް ބެހެއްޓޭނޭ ކަމަށެވެ.