އެމްއެމްޕީއާރސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކުށްސާބިތުވެ، ގޭގައި ހުންނަވައިގެން 20 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް ފުރާނައަށް ނުރައްކާވާފަދަ ސިއްހީ ޙާލަތެއް މެދުވެރިވެފައި ވާތީ، ބޭސްފަރުވާއަށް 10 ދުވަހުގެ މުއްދަތަށް ރާއްޖޭން ބޭރަށް ދިއުމަށް ހުއްދަދީފިއެވެ.

ދައުލަތާއެކު ހަދާފައިވާ އިޢުތިރާފީ އެއްބަސްވުމެއްގެ ދަށުން އަދީބު ގޭބަންދުގައި ހުންނަވަނިކޮށް، އޭނާގެ ސިއްހީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެ، މިދިޔަ ހަފްތާގެ ބުދަދުވަހު އައިޖީއެމްއެޗްގެ އިމަޖެންސީގައި އޭނާއަށް ފަރުވާދޭންފެށިއެވެ. އަދި އޭނާ އައިޖީއެމްއެޗުން ދޫކޮށްލީ އާދީއްތަ ދުވަހުއެވެ. އޭރު އާއިލާގެ ފަރާތުން ވަނީ އިތުރު ފަރުވާއަށް އޭނާ ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައަށް އެދިފައެވެ. އަދި މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ހުއްދަ ދީފައިވާ ކަމަށް ބުނެފައެވެ.

"މަނީ ލޯންޑްރިންގެ ކުށުގައި ހުކުމްތަންފީޛް ކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރު، ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު މި ސަރވިސްއިން ވަނީ ދީފައި،" ކަރެކްޝަނުން ކުރި ޓްވީޓެއްގައި ވެއެވެ.

ހިޔާނާތުގެ މައްސައެއްގައި ޖަލުހުކުމެއް ތަންފީޒުކުރައްވަނިކޮށް ދައުލަތާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އަދީބު ގެއަށް ބަދަލުކުރުމާއެކު، ސަރުކާރުން އަދީބު ރާއްޖޭން ބޭރަށް ފުރުވާލުމަށް އުޅޭކަމުގެ އަޑުތަކެއް އޭރުފެތުރުނެވެ. ހަމަ އެއާއެކު، މިސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދުގެ މައްޗަށް ތުހުމަތުކޮށް އޭނާ ވަޒީފާއިން ވަކިކުރި ޖިންސީ ފުރައްސާރައިގެ މައްސަލަ ހިންދާލަން އުޅޭކަމުގެ އަޑުތައްވެސް އޭގެ ފަހުން ފެތުރުނެވެ. ނަމަވެސް މިކަންކަން ސަރުކާރުން ދޮގުކޮށްފައި ވަނިކޮށް، މިދިޔަ ޖޫންމަހު 14ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އަލީވަހީދުގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލައިގައި އަނިޔާލިބުނު ފަރާތްތަކުން މައްސަލަ ކުރިއަށް ގެންދާން ބޭނުން ނުވާތީ، އެ މައްސަލަ އަނބުރާ ފޮނުވާލާފައިވާ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި މައްސަލަ ފައިލްކޮށްފައެވެ. އަދި މިއަދު އަލީ ވަހީދު ވަނީ އެނބުރި ރާއްޖެ ވަޑައިގެންފައެވެ.

އެނގިފައިވާ ގޮތުން އަދީބު ބޭސްފަރުވާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރަށެވެ. އެމްއެމްޕީއާރުސީން އަދީބު ނެންގެވި ފައިސާގެ ބައެއް ރައްކާކޮށްފައިވަނީ ސިންގަޕޫރުގައި ކަމަށް، އެ ޚިޔާނާތުގެ ތުހުމަތުގައި މިހާރު 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް މީގެ ކުރީން ވަނީ ތުހުމަތުކުރައްވައިފައެވެ.