ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނޭގޮތް ފަހިކުރުމަށް ތަރައްގީކޮށް ބޭނުންކުރާންފެށި "ވަންގަވް" ޑިޖިޓަލް ޕްލެޓްފޯމާއެކު ރާއްޖޭގައި ފެށިގެން އެދަނީ ޑިޖިޓަލް ސަރުކާރެއްގެ ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ސަލްޓަންޕާކުގައި ހޯމަ ދުވަހު ހެނދުނު ބޭއްވި ރައްމިއްޔާތުގައި، "ވަންގަވް" އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާޙީމެވެ. އެމަނިކުފާނު ވިދާޅުވީ، ވަންގަވް އާއެކު ފެށިގެންދާ ޑިޖިޓަލް ސަރުކާރުގެ އެންމެ ޚާއްޞަ ސިފައަކީ ސަރުކާރުން އެމީހަކު ހޯދަން ބޭނުންވާ ޚިދުމަތެއް އެމީހަކު ހުރި ތަނަކުން އެމީހަކާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން މިއީ ރާއްޖެފަދަ ޖަޒީރާވަންތަ ޤައުމަކަށް މުހިންމު ޕްލެޓްފޯމެއްކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށްވެސް މުހިންމު ޕްލެޓްފޯމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަންގަވްގެ ޚިދުމަތްތަކަށް ހަފްތާގެ 7 ދުވަހު 24 ގަޑިއިރު އެދެވޭނެއެވެ. ސަރުކާރުގެ 6 އިދާރާއެއްގެ ޚިދުމަތް މި ޕޯޓަލްތެރޭން ލިބޭގޮތަށް ފުރަތަމަ ފެށި ނަމަވެސް، ކުރިއަށްއޮތް ތަނުގައި މި ޚިދުމަތް ފުޅާކުރެވި ސަރުކާރުގެ ހުރިހާ އިދާރާތައް މީގެ ތެރޭގައި ހިމެނިގެންދާނެއެވެ.

ސަރުކާރަށް ކޮރަޕްޝަނުގެ އިނގިލިތައް އިންތިހާއަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، ރައީސް އިބްރާހީމް ވިދާޅުވީ، ވަންގަވްގެ ސަބަބުން ކޮރަޕްޝަނަށް އޮތް ފުރުޞަތުތައް ހަނިވެގެންދިއުމާއި ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީގޮތުންވެސް ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.