ރާއްޖޭގެ އެކި ހިސާބުތަކުގައި އެމްޓީސީސީން ކުރިއަށް ގެންދާ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށްޓަކައި ދުވާލަކު އެއް ހެކްޓަރު ހިއްކާލެވޭ ވަރުގެ ބޮޑު ޑްރެޖަރެއް ކުއްޔަށް ގެންނަނީ ކަމަށް ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޮޑު ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަހާޖައްރާފްގެ ޑައިނަމޯ ހަލާކުވެ، އެ މަރާމާތުކުރުމުގެ މައްސައްކަތަށް ވަގުތު ނަގާތީއާއި މަޝްރޫއުތައް އަވަހަށް ނިންމާން ބޭނުންވާތީ، ވަގުތު ސަލާމަތްކުރުމުގެ ގޮތުން ބޮޑު ޑްރެޖަރެއް ކުއްޔަށް ނަގާން ނިންމީ ކަމަށެވެ.

އަލަށް ގެންނަ ޑްރެޖަރުން ނުވަ ރަށެއްގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އަންނަ ބުދަ ދުވަހު ހއ. އިހަވަންދުއަށް ގޮސް އެރަށުގެ ބިންހިއްކާން ފަށާން ހަމަޖެހިފައިވާއިރު، އެމްޓީސީސީން އަމާޒު ހިފާފައި ވަނީ ބާކީ އަށް ރަށުގެ ބިންވެސް އަންނަ އޮކްޓޫބަރު ނިމުމުގެ ކުރީން ނިންމާލުމަށެވެ.

އިހަވަންދޫގެ އިތުރުން ކުއްޔަށް ނަގާ ޑްރެޖަރުން ބިންހިއްކުމަށް ހަމަޖެހިފައިވަނީ، ށ. ކޮމަންޑޫ، އއ. އުކުޅަސް، އއ. ބޮޑުފޮޅުދޫ، ރ. އުނގޫފާރު، މ. ދިއްގަރު ފ. ފީއަލި ކ. ދިއްފުއްށި އަދި ކ. ގުޅިއެވެ.