އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެރއަޒް ޑރ. އެސް. ޖައިޝަންކަރުގެ ދައުވަތަކަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ދެދުވަހުގެ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ރާއްޖޭގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ޝާހިދުގެ މި ދަތުރުފުޅުގައި އިންޑިއާއިން ރާއްޖޭގައި ހިންގަމުން އަން މަޝްރޫއުތަކާއި ކުރިއަށް އޮތްތާނގައި ކުރާން ރާވާފައިވާ މަޝްރޫޢުތަކާ ގުޅޭގޮތުން ދެގައުމުގެ ވަޒީރުން މަޝްވަރާކުރައްވާނޭ ކަމަށެވެ.

އެގޮތުން ޝާހިދުގެ މި ދަތުރުފުޅުގައި، ދެގައުމުގެ ގުޅުން އިތުރަށް ޚަރުދަނާކުރުމަށް މަޝްވަރާކުރުމާއި، އިންޑިއާ ސަރުކާރުގެ މަތީ ފެންވަރުގެ އެހެން ފަރާތްތަކާ ބައްދަލުކުރެއްވުމާއި، އިޖްތިމާއީ އަދި އިގްތިޞާދީ ދާއިރާއިން ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުން ހިމެނޭކަމަށް ބަޔާބުގައި ވެއެވެ.

މީގެ އިތުރުން އިންޑިއާ ކައުންސިލް ފޯ ވޯލްޑް އެފެއާޒްގައި އޮންނަ 43 ވަނަ ސަޕްރޫ ހައުސް ލެކްޗާ (އެސްއެޗްއެލް)ގައި މިނިސްޓަރ ޝާހިދު ތަގުރީރުކުރައްވާނޭ ކަމަށްވެސް ބަޔާނުގައިވެއެވެ.