ޖޫން 27 ވަނަ ދުވަހު، ފްރާންސްގެ ވެރިރަށް ޕެރިހުގެ ޓްރެފިކް ސްޓޮޕެއް ކައިރިން، ފުލުހަކު އުމުރުން 17 އަހަރުގެ ނާހިލް މުޙައްމަދު ކިޔާ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި މަރާލި ހާދިސާއާ ގުޅިގެން ފްރާންސްގައި ކުރިއަށް ގެންދިޔަ މުޒާހަރާތައް މައިތިރިކޮށްފައި ވަނިކޮށް އަނެއްކާވެސް އެގައުމުގައި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އިތުރު މުޒާހަރާތައް ކުރާން ފަށައިފިއެވެ.

އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ، ނާހިލް ގަޔަށް ފުލުހުން ބަޑިޖެހީ އޭނާ ދުއްވާފައި ދިޔަ ވެހިކަލް މަޑުކުރާން ފުލުހުން ބުނުމުން މަޑުނުކޮށް ދާން އުޅުމުންނެވެ. އެ ހާދިސާ ކުށްވެރިކޮށް، އަދި ފްރާންސް ފުލުހުން އެގައުމުގައި ދިރިއުޅޭ، އެފްރިކާ އަދި އަރަބި ނަސްލަށް ނިސްބަތްވާ ރައްޔިތުންނާ މެދު އިންތިހާއަށް ނަސްލީތަފާތުކުރުތައް ގެންގުޅޭ ކަމަށްބުނެ، ޖޫން ފަހު ހަފްތާގެ ހަފްތާބަންދާ ދިމާކޮށް ފްރާންސްގެ އެކި ސަރަހައްދު ތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ، 45،000 އަށް ވުރެ ގިނަ ފުލުހުން މަގުތަކަށް ނެރެ، ރައްޔިތުން ބޭރަށް ނުކުމެ އުޅުންވެސް މަނާކޮށްފައެވެ. އެތަކެއް ހާސް މީހުން މަގުތަކަށް ނުކުމެ ހިންގި ހަމަ ނުޖެހުންތަކުގައި، މަގުތަކުގައި އަލިފާންޖަހައި، ކާރުތަކުގައި ރޯކޮށް، ފިހާރަތައް ހަލާކުކޮށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް އެގައުމުން އޭރު ބުންޏެވެ.

މި ހާދިސާއާ ގުޅިގެން 3700 މީހަކު ހައްޔަރުކުރި އިރު އޭގެ ތެރޭގައި ގިނައީ 18 އަހަރު ނުފުރޭ ކުޑަކުދީން ކަމަށާއި، އުމުރުން 13 އަހަރުގެ ކުދީންވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ފްރާންސް ފުލުހުން ބުނެއެވެ. ހައްޔަރުކުރި ކުދީންގެ އަދަދު 1160ށް އަރައެވެ.

ފްރާންސްގެ ހާލަތު ގޯސްވުމާ ގުޅިގެން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީއެއް ކަމަށްވާ އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަން (ސީއީއާރޑީ)ން އޭރު ބަޔާނެއް ނެރުނެވެ. އެގޮތުން، ފްރާންސްގެ ސަލާމަތީ ބާރުތަކުން ގެންގުޅޭ ނަސްލީ ތަފާތުކުރުންތަކާއި އަނިޔާވެރިކަން އިސްކުރުން ހުއްޓުވުމަށް ގޮވާލިއެވެ.

އެ ހާދިސާއަށް ފަހު، މި ހަފްތާ ބަންދާ ދިމާކޮށް، އަނެއްކާވެސް އިތުރު މުޒާހަރާތައް ހިންގީ، މީގެ 7 އަހަރު ކުރީން ހަމަ އެގޮތަށް ފްރާންސް ފުލުހުން ބަޑިޖަހައި މަރާލި އަދަމާ ޓްރައޮރޭ (24އ) ނަމަކަށް ކިޔާ ޒުވާނެއްގެ ހަނދާނުގައި އޭނާގެ ދައްތަ، އައްސާ ޓްރައޮރޭ ބޭއްވި ހިނގާލުމަކާވެސް އެކުއެވެ. މި ހިނގާލުން ބާއްވަން ރޭވުމުން، ފްރާންސްގެ ކޯޓަކުން ވަނީ، މިވަގުތު އެފަދަ ހިނގާލުމެއް ބާއްވައިފިނަމަ، އަނެއްކާވެސް އިތުރު ހަމަނުޖެހުންތަކަށް ފުރުސަތު ލިބޭނެތީ އެކަން ހުއްޓުވާން އަމުރު ނެރެފައެވެ. ނަމަވެސް 1000 މީހުންނާއެކު އަދަމާގެ ދައްތަ ވަނީ ހިނގާލުން ކުރިއަށް ގެންގޮސްފައެވެ.

އަދަމާގެ ދައްތަ އޭނާގެ ޓްވިޓަރގައި ވަނީ، ކޯޓުގެ ނިންމުން ގަބޫލުނުކުރެވޭ ކަމަށް ބުނެފައެވެ. "ސަރުކާރުން މި ނިންމީ އަލިފާނަށް އިތުރަށް ދަރުއަޅަން" އަދި "އަހަރެންގެ ކޮއްކޮގެ މަރަށް އިހްތިރާމްވެސް ނުކުރާން" އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން، ނާހިލްގެ މަންމަ ބުނީ، ފްރާންސް ފުލުހުންނަށް އޭނާ މަރާނުލައިވެސް، ހުއްޓުވުނީސް ކަމަށާއި، ނަމަވެސް އޭނާގެ ދަރުފުޅުގެ މޫނު ފުލުހުންނަށް ސިފަވީ ފްރާންސްގެ ރައްޔިތަކަށްވުރެ ބޮޑަށް އަރަބި މޫނެއް ކަމަށާއި އެހެންވެ ގަސްތުގައި ބަޑިޖެހީ ކަމަށެވެ.

ފްރާންސްގައި ކުރިއަށްދާ މުޒާހަރާތަކުގައި އެގައުމުގެ އިދިކޮޅު ފަރާތްތަކުންނާއި، އަދި ގާނޫނުހަދާ މަޖިލީހުގެ މެންބަރުންވެސް ދަނީ ބައިވެރިވަމުންނެވެ. އަދި އދ.ގެ އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަން ކޮމިޓީންވެސް ބުނެފައި ވަނީ، މިއީ ފްރާންސަށް ގާނޫނުތަކާ އެއްގޮތަށް ކަންކަން ކުރުމަށް ލިބުނު އިތުރު ފުރުސަތެއް ކަމަށާއި، ނަސްލީ ތަފާތުކުރުންތައް އެއްކޮށް ނައްތާލުމަށް ގޮވާލައިފައެވެ.