މުސްލިމުން އެންމެ ކުލަގަދަކޮށް ފާހަގަކުރާ ދުވަސްތަކުގެ ތެރޭގައި ހިމެނޭ، ބަރަކާތްތެރި ޙައްޖުދުވަހާ ގުޅިގެން އަންނަ އަޟްޙާ ޢިދު ދުވަހާ ދިމާކޮށް، ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގެ މިސްކިތެއްގެ ކުރިމަތީގައި މުސްޙަފެއްގައި ރޯކޮށްލި މައްސަލަ ދިވެހިރާއްޖެއާއި އިސްލާމީ ގައުމުތަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސްވިޑެންގައި މީގެ ކުރީންވެސް ވަނީ. މުސްލިމުންނާއި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ގޮތުން މިފަދަ ޢަމަލެއް ހިންގައިފައެވެ. އެފަހަރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމުން ވަނީ، މިކަން ކުށްވެރިކޮށް އިޙްތިޖާޖުތައްވެސް ބާއްވައިފައެވެ. އެގޮތުން، ތުރުކީ ސަރުކާރުން އެފަހަރު އެކަމާ ދެކޮޅުހެދުމުގެ ގޮތުން، ސްވިޑެންއަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ދެކޮޅުހެދިއެވެ. އަދި މިފަހަރުވެސް މީގެ އަސަރު ކުރާނޭތީ، އެމެރިކާއާއި، ނޭޓޯގެ ގައުމުތަކުން ވަނީ، މިފަދަކަންކަން ތަކުރާރުކުރިޔަ ނުދިނުމަށް ސްވިޑެންގެ ސަރުކާރަށް ގޮވާލައިފައެވެ.

އިސްމާމީ އުންމަތާ ދެކޮށްޅަށް ހިންގާ ޓެރެރިޒަމްގެ އަމަލެއްގެ ގޮތުގައި ދުނިޔޭގެ މުސްލިމުން މިކަން ސިފަކޮށްފައިވާއިރު، ސްވިޑެންގައި ދިރިއުޅޭ ކުރުދީ ދަރިކޮޅުގެ މީހުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ގޮވައިލާ އެ ޤައުމުގެ ހައްދުފަހަނަ އެޅި ޖަމާޢަތްތަކުން ދާދިފަހުން ފެށީ މުޒާހަރާއެއްގެ ތެރޭން، ސްވިޑެންގައި މިފަހަރު މުސްޙަފް އެންދުމުގެ ހަރަކާތް ގެންދިޔައީ، އެގައުމުގެ ފުލުހުންގެ ހިމާޔަތާވެސް އެކުއެވެ.

މުޞްޙަފުގައި ރޯކޮށްލި މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި، އޭނާއާ ދެކޮޅަށް ދަޢުވާ އުފުލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސަލްވާން މޮމިކާ ނަމަކަށްކިޔާ މި މީހާއަކީ އިރާގުން ފިލައިގެން ރެފިއުޖީއެއްގެ ގޮތުގައި ސްވިޑެންގައި އުޅޭ ހައްދުފަހަނައެޅި މީހެކެވެ.

މިކަމާއި ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިންގޭ މިފަދަ ޢަމަލުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުންގެ ދީނީ އިޙްސާސްތަކަށް ގެއްލުންދޭ ވަރަށް ދަށު ދަރަޖައިގެ ޢަމަލުތަކެއްކަމަށެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަކުރުމަށް ހިންގޭ މިފަދަ ޢަމަލުތަކުގެ ސަބަބުން ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ އަސާސްތައް ދަމަހައްޓަން ކުރާ ހުރިހާ މަސައްކަތްތަކަށް ބުރު އަރާކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ. އަދި އިސްލާމް ދީނާ ޚިލާފު މިފަދަ ހުތުރު އަމަލުތައް ހުއްޓާލުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލާކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.