ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަދި ޖުމްހޫރީޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދުގެ މައްޗަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލާފައިވާ ހަތް ދައުވާ ކުރިއަށް ނުގެންގޮސް ފައިލްކުރާން އެ އޮފީހުން ނިންމައިފިއެވެ.

ޖިންސީގޯނާގެ މައްސަލަކުރިއަށް ދަނިކޮށް، އަލީވަހީދު ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10ގައި ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރައިފައެވެ. އޭގެ ފަހުން އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް2021 ވަނަ އަހަރުގެ ނޮވެމްބަރު 28ގައި ކޯޓުން އަމުރެއް ނެރުނުނަމަވެސް އޭނާ ހާޒިރެއް ނުކުރެވުނެވެ. އަދި އޭނާ ފިލައިގެން ދިޔައީ ކަމަށް ކަމާގުޅުންހުރި ފަރާތްތަކުން ބުނަމުން ދަނިކޮށް، ވަހީދު ވަނީ، ސަރުކާރުން އޭނާ ފުރުވާލީކަމަށް ވިދާޅުވެފައެވެ.

އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު ފަރާތްތައް، އެމީހުންނަށް ދިމާވި ހިތްދަތި އެވާހަކަތައް ރައީސް އިބްރާހީމާ ހިއްސާކުރެއްވި ދުވަހު އެވާހަކަތއް އަޑު އައްސަވާފައި އެމަނިކުފާނަށްވެސް ކީރިތިކުރެއްވުނުކަމަށް ވެއެވެ. 

ނަމަވެސް 2022 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އަލީވަހީދު ވަނީ، ރައީސް އިބްރާހީމާއި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓްވީޓްތަކެއް ކުރައްވައިފައެެވެ. އެގޮތުން " ޢަލީ ވަޙީދު ރާއްޖެ ގެންދެވޭނެ. ސައްޙަ ތަޙުޤީޤާ ސައްޙަ ދަޢުވާ ކުރީމަ ކޮންމެ ޤައުމަކުންވެސް އެކަން ބަލާނެ. ނަމަވެސް، ފްރޭމްކޮށް، ކުރެވޭ ތުޙުމަތެއް، ކުރި ކުށެއް ކޯޓުގައިވެސް ޕީޖީއަށް ބުނެނުދެވެންޏާ ދުނިޔޭގެ ސިސްޓަމް ތަކުގައި ބޭނުންހާ އެއްޗެއް ނުހެދޭނެ. އިރާދަފުޅުން އިންސާފު ހޯދާނަން" ކަމަށްވެސް ވިދާޅުވެފައި ވެއެވެ. 

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅޭ ގޮތުން ޕީޖީން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިން ޕީޖީ އޮފީހަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވަމުން ދިޔަ ސިޓީތަކާއި ގުޅިގެން އެ އޮފީހުން ވާނީ އެ މީހުންނާ ބައްދަލުކޮށްފައި ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ދެކޭ ގޮތް ސާފުކޮށްދީފައިވާނޭ ކަމަށެވެ.

މީގެ އިތުރުން އަނިޔާ ލިބުނު ފަރާތްތައް ޕީޖީ އޮފީހަށާއި ފުލުހުންނަށް އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ތަކުރާރުކޮށް ސިޓީ ފޮނުވާފައިވާތީ، އަދި ހެކިބަސް ދިން މީހުން ހެކިބަސް އަނބުރާ ގެންދަން އެދިފައިވާތީ، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނޭތީ،  މައްސަލަ އަކީ އަނބުރާ ފޮނުވާލާފައިވާ މައްސަލައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.