ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން އަދި އެކުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ. މި ފަރިއްކޮޅު އޮތީ ހޯމަ ދުވަހު މެންދުރުފަހު ވޯލްޑޯރފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ.

ސީޝެލްސްގެ ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާފައި ވަނީ ރައީސް އިބްރާހީމްގެ ދަޢުވަތަކަށެވެ. އިތާފުށީގައި ބޭއްވެވި މެންދުރުގެ ފަރިއްކޮޅުގައި ވަޒީރުންނާއި ދެ ޤައުމުގެ ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ޤައުމުގެ ލީޑަރުން ވަނީ ރަސްމީ ވާހަކަތައް ބާއްވަވައި ދެޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެޤައުމުގެ ދެމެދު 4 އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ.