މި ހިނގާ ޖޫންމަހު ސަރުކާރު މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ، މި މަހުގެ 22 ވަނަ ދުވަހުގެ ކުރީން ދީ ނިންމަން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ. 

ފިނޭންސް މިނިސްޓްރީން ނެރުނު ސަރކިއުލައެއްގައި ބުނީ، މިއަހަރުގެ ޙައްޖު ދުވަހާއި އަޟްޙާ ޢީދާ ގުޅިގެން ޖޫން 25 ން 29 އަަށް ސަރުކާރު ބަންދުވާތީ، މި ޖޫން މަހުގެ މުސާރަ އެމިނިސްޓްރީން ޕްރޮސަސްކުރާނޭ އެންމެ ފަހުގެ ތާރީޚަކީ، މިމަހުގެ 22 ވަނަ ދުވަސް ކަމަށެވެ.

ހަމަ އެއާއެކު، ދައުލަތުގެ އެކައުންޓިންގ ސޮފްޓްވެއަރ "އެޗްއާރް މޮޑިއުލް" ބޭނުން ކުރާ އޮފީސްތަކަށް މުސާރަ ޕޯސްޓް ކުރުމަށްޓަކައި މި މަހުގެ 18 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އަކީ އެ މިނިސްޓްރީން ސިސްޓަމް "އެގްޒިޓް" ކުރަން ހަމަޖެހިފައިވާ ވަގުތު ކަމަށް ވުމުން އެކަމަށް ސަމާލު ވުމަށް ވެސް މިނިސްޓްރީން އެދިފައިވެއެވެ.

މީގެ އިތުރުން ޖޫން މަހުގެ މުސާރައިގެ އިތުރުން ދޭ އިނާޔަތްތަކާއި އިތުރު ގަޑީގެ ފައިސާ ހިސާބުކުރުމުގެ މުއްދަތަކަށް 16 މެއި އިން 10 ޖޫންގެ ނިޔަލަަށް ބެލުމަށްވެސް ވަނީ އަންގައިފައެވެ.