ބެންކޮކް، ތައިލޭންޑް - ތައިލެންޑުގެ އެންމެ ޒުވާން ބޮޑުވަޒީރަކަށް، އުމުރުން 37 އަހަރުގެ ޕެޓޮންގްޓާން ޝިނަވަޓްރާ އިންތިހާބުކޮށްފިއެވެ.

ތައިލޭންޑްގެ އާ ބޮޑުވަޒީރަކަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ޕެޓޮންގްޓާން އިންތިޚާބުކުރީ، އެކަމަނާގެ ކުރިން ހުންނެވި ސްޓްރެއްތާ ތަވިސިން، އަޚްލާޤީ މިންގަނޑުތަކާ ހިލާފުވެގެން ކަމަށް ބުނެ އެގައުމުގެ ދުސްތޫރީ ކޯޓުން މަގާމުން ދުރުކުރުމާ ގުޅިގެންނެވެ. 

ތައިލޭންޑުގެ ނުފޫޒުގަދަ މަހުޖަނު، ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާގެ އެންމެ ހަގު ދަރިކަނބަލުން ޕެޓޮންގްޓާން އަކީ އިގްތިސާދީ އަދި ޕޮޕިއުލިސްޓް ސިޔާސަތުތަކަށް މަޝްހޫރު، އެ އާއިލާގެ ސިޔާސީ ތާރީޚުގެ އިތުރު ބާބެކެވެ. 

އެކަމަނާ ވެރިކަމަށް ވަޑައިގެންފައި މިވަނީ، ތައިލޭންޑްގެ ސިޔާސީ މައިދާނުގައި ޝިނަވަތުރާ ދަރިކޮޅުގެ ނުފޫޒާ މެދު އެތައް މަހެއްވަންދެން ސުވާލުއުފެދި، ސިޔާސީ ގޮތުން ނުތަނަވަސްކަން އުފެދިފައި ވަނިކޮށެވެ.

ޕެޓޮންގްޓާން ކެމްޕޭންތެރޭގައި އުޅުއްވި އިރު ވަނީ އެކަމާނާގެ ޢާއިލީ ގުޅުމާ ބެހޭގޮތުން ކުރިމަތިވި ސުވާލުތަކަށްވެސް ޖަވާބި ދެއްވައިފައެވެ. އެގޮތުން އޭނާއަކީ ކުރީގެ ބޮޑު ވަޒީރުގެ ދަރިއެއް ކަމަށާއި ނަމަވެސް، އޭނާއަކީ އޭނާގެ ބައްޕާފުޅުގެ ޕްރޮކްސީއެއް ނޫންކަމަށް ވިދާޅުވިއެވެ. 

"އަހަންނަކީ އަބަދުވެސް އަދި އަބަދަށް ވެސް ބައްޕަގެ އަންހެން ދަރިއެއް، އެކަމަކު އަހަރެންގެ ނިންމުންތަކަކީ އަމިއްލަ ނިންމުންތަކެއް،" ނޫސްވެރީންނާ ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ބައްޕާފުޅަކީ ސިޔާސީ ގޮތުން ނުފޫޒުގަދަ ބޭފުޅެއް ކަމަށާއި ނަމަވެސް، ޒިންމާތަކެއް ވާކަމަށެވެ. އެހެންކަމުން ބައްޕާފުޅުގެ ހިޔަނީގައި މަސައްކަތްކުރުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، އަދި އެގޮތަށް އޭނާ ބޭނުންފުޅުވެސް ނުވާކަމަށެވެ. 

ތައިލޭންޑުގެ ސިޔާސީ މަޝްރަޙް ދިރާސާ ކުރާފަރާތްތަކުން ލަފާކުރާގޮތުގައި، ޒުވާން ޕެޓޮންގްޓާންއަށް ބޮޑުވަޒީރުކަން އެހާ ފަސޭހައެއް ނުވާނެއެވެ. 

ތައިލޭންޑުގެ ދުސްތޫރީ ކޯޓުން، ކުރީގެ ބޮޑުވަޒީރު ސްޓްރެއްތާ ތަވިސިން މަގާމުން ދުރުކުރާން ނިންމީ، ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ ކުރީގެ ގާނޫނީ ވަކީލެއް ކަމަށްވާ ޕިޗިޓް ޗުއެންބާން އޭނާގެ ކެބިނެޓަށް ސްރެއްތާ އައްޔަން ކުރުމާ ގުޅިގެން، އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ބުނެއެވެ.