ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމާއި، ގާނޫނުއަސާސީ ނަގަހައްޓައި އެއަށް ޢަމަލުކުރުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް ވެސް ވާޖިބުކަމެކެވެ. ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކަށް އަރައިގަތުމަކީ ޤާނޫނީ ކުށެކެވެ. އެކަން ކުރަނީ، ޤައުމުގެ ވަލިއްޔުލްޢަމްރުކަމުގައި ވީ ނަމަވެސް، ވަޒީރަކު ކަމުގައިވީ ނަމަވެސް، ސަރުކާރުގެ އިސްވެރިޔަކު ކަމުގައިވީ ނަމަވެސް، އަދި ޢާންމު ރައްޔިތެއް ކަމަށްވީ ނަމަވެސް، އަދި މުއައްސަސާއަކުން ކަމަށްވީ ނަމަވެސް އެއީ ކުރެވޭނޭ ކަމެއް ނޫނެވެ. ވެރިމީހާ ޤާނޫނުއަސާސީގެ ޙުރުމަތް ކެނޑީމާ، ފިޔަވަޅު އަޅާން ތިބޭނީ ރައްޔިތުންނެވެ. އެހެނީ، ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ޤާނޫނުއަސާސީގައި ބުނެފައިވެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ބިންވެރިކުރުމާއި ގެދޮރުވެރިކުރުމުގެ ނަމުގައި، ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު އުސޫލުތަކެއް ހަދައި، ވަކިބަޔަކަށް މަންފާވާގޮތަށް، "ސްކޭމެއް" ހިންގާ ވާހަކައަކީ މިހާރު އާ ވާހަކައެއް ނޫނެވެ. މިފަދަ ކަންކަމާ މެދު ރައްޔިތުން މާޔޫސްވެފައިވާ މިންވަރު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިންވެސް ވަރަށް ރަނގަޅަށް ހާމަވިއެވެ. އަދި އެކަން ފޫބައްދާން އިތުރު ސްކޭމެއް މިހާރު މިވަނީ ޢިއުލާނުކޮށްފައެވެ. އަނެއްކާވެސް ހަމަ ގާނޫނުއަސާސީއާ ޚިލާފަށެވެ. ފުރަތަމަ ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަލައިލަމާ ހިނގާށެވެ. ސްކޭމްގެ ވާހަކަ ދައްކާނީ އެއަށް ފަހުއެވެ.
17 ވަނަ މާއްދާ – ތަފާތުނުކުރުން
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މި ހައްގުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެއެވެ.
(ށ) މުޖްތަމަޢުގެ ޢާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް، ނުވަތަ އިޖްތިމާޢީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތުކުރުމެއް ކަމުގައެއް ނުވާނެއެވެ.
18 ވަނަ މާއްދާ - ދައުލަތުގެ ވާޖިބު
މި ގާނޫނުއަސާސީ އާ އެއްގޮތަށް ޢަމަލުކުރުމާއި، މި ބާބުގައި ބަޔާންވެގެންވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެކެވެ.
20 ވަނަ މާއްދާ – ހަމަހަމަކަން
ގާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެކެވެ. އަދި ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ.
21 ވަނަ މާއްދާ - ދިރިހުރުމުގެ ހައްގު
ކޮންމެމީހަކަށްމެ، ދިރިހުރުމުގެހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވެއެވެ. ފަހެ، މި ގާނޫނުއަސާސީ ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހަދައިފައިވާ ގާނޫނަކީ އެއްގޮތަށް މެނުވީ އެއްވެސް މީހެއްގެ ކިބައިން، މިއިން ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ނިގުޅައިގަނެވިގެނެއް ނުވާނެއެވެ.
41 ވަނަ މާއްދާ – ދަތުރުފަތުރުކުރުމާއި ވަޒަންވެރިވުމުގެ މިނިވަންކަން
(ހ) ރާއްޖެއިން ފުރައިގެން ދިއުމާއި، ރާއްޖެއަށް އެނބުރި އައުމާއި، ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.
(ށ) ދިވެހިރާއްޖޭގައި މީހުންދިރިއުޅޭ ކޮންމެރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.
(ނ) އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި ހިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބުމުގެ ހައްގު އެ ރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.
230 ވަނަ މާއްދާ – ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން
(ހ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުންނެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު
138 ވަނަ މާއްދާ – ތަފާތުނުކުރުން
ގާނޫނުއަސާސީގައި ނުވަތަ ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، މި ގާނޫނަށް އަމަލުކުރުމުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް ރަށްވެއްސަކު އެމީހަކު އުފަންވެފައިވާ ރަށަކަށް ނުވަތަ ރަށްވެހިވެފައިވާ އިދާރީ ދާއިރާއަކަށް ނުވަތަ ދިރިއުޅޭ ރަށަކަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ މިނޫންވެސްކަމަކަށް ބަލައި އެއްވެސް ގޮތަކުން ތަފާތުކޮށްގެންނުވާނެއެވެ. އަދި މިކަން ޔަގީންކުރުމަށްޓަކައި އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.
(ހ) އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި އެމީހަކު ރަޖިސްޓަރީވެވޭނެ ގެއެއް ނުވަތަ ފްލެޓެއް ހުރިނަމަ އިތުރު އެއްވެސް ށަރުތެއް ނެތި އެ ރަށެއްގެ ރަށްވެއްސަކަށް ބަދަލުވުމުގެ ފުރުސަތު އެމީހަކަށް ދިނުން.
(ށ) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ، ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން ނަމަވެސް ދޫކުރުމަށް އިއުލާންކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގޯއްޗެއް ނުވަތަ ފްލެޓެއް ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެއްވެސް އިސްތިސްނާއެއްނެތި ހުރިހާ ދިވެހިރައްޔިތުންނަށް ދިނުން.
ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށްވުމާ ބެހޭ ގާނޫނު
4 ވަނަ މާއްދާ
(ހ) ރަށެއްގައި މެދުކެނޑުމެއްނެތި 5 އަހަރުދުވަސް ދިރިއުޅުމުގެ ގޮތުން ވޭތުކޮށްފައިވާ މީހަކު އެރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީވާން އެދިއްޖެނަމަ، އެމީހަކު އެރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭން ވާނެއެވެ. މިގޮތުން ރަޖިސްޓަރީކޮށްދެވޭ މީހުން، ކުރިން އެމީހުން ރަޖިސްޓަރީ ކުރެވިފައިވާ ރަށެއްގެ ރަށްވެހީންގެ ރަޖިސްޓަރީން އުނިކުރަންވާނެއެވެ.
މި ސަރުކާރުގެ ޤާނޫނާ ޚިލާފު ބިންވެރިޔާ ސްކީ...
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ އުސޫލެއް މި ސަރުކާރުން ފުރަތަމަ އެކުލަވާލައި ޢާންމުކުރީ 26 ޖޫން 2022ގައެވެ. އެއުސޫލުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ،
11. (ހ) "މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ، އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ މީހުންނެވެ. ނަމަވެސް، އެ މީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތެއް ކަމަށް ވެފައި، ސަރުކާރުން ހިންގައިފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައަޅައިފައިވާ ގަވާއިދެއްގެ ސަބަބުން ނުވަތަ އުސޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓަރީގައި ޖެހުމަށްފަހު، މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި އެ މީހަކު ރަޖިސްޓަރީވެފައި ވާނަމަ، އެފަދަ މީހުން ބަލާނީ މާލޭގެ ރައްޔިތުންގެ ގޮތުގައެވެ.
މަތީގައި ބަޔާންކުރެވުނު މާއްދާ ޤާނޫނުއަސާސީއާ ޚިލާފުކަމަށް ބުނެ، ރައްޔިތުންގެ ތެރޭން ގިނަ ބަޔަކު އެކަން ކުށްވެރިކޮށް، އަޑުއުފުލައި އެމައްސަލަ ކޯޓަށްވެސް ވެއްދިއެވެ. ނަމަވެސް އަދި އަދަށްދާންދެންވެސް ކޯޓުންވެސް އެ މައްސަލައަށް ހައްލެއް ހޯދައިދީފައެއް ނުވެއެވެ. "ރައިޒް އާރްޓީ"ގެ ނަމުގައި، ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މޫވްމަންޓަކުން ކެނޑިނޭޅި އެދަނީ ތަފާތު ނުކުރުމަށާ، ވަޒަންވެރީންގެ ހައްގުތައް ހިމާޔާތްކުރާން ގޮވަމުންނެވެ. ނަމަވެސް އެއްވެސް ހަމައެއް ލަމައެއް ނެތި، ބޭނުންވާ މަދުބަޔަކަށް، މާލޭ ސަރަހައްދުގެ އެންމެ އަގުބޮޑު ބިންތައް ހިލޭ ބަހާލައިފިއެވެ. އެހެން ކަން އޮއްވާ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް އިބްރާހީމަށް، ލިބިވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެން ދެވަނަ ބުރަށް ނުކުތުމުގެ ކުރީން މިވަނީ، 24 ސެޕްޓެމްބަރު 2023ން ފެށިގެން ޢަމަލުކުރާގޮތަށް، ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަ ހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލެއް ދެދުވަހުގެ ތެރޭގައި އެކުލަވާލައި، ދަންވަރުގަޑީގައި ގެޒެޓްކޮށްފައެވެ. އަނެއްކާވެސް ހަމަ އެއްކަލަ ނަސްލީ ތަފާތުކުރުންތަކާއިއެކުއެވެ. ވަޒަންވެރީންގެ ހަމަހަމަކަމަށް ކުޑަކޮށްވެސް ބަލާނުލައެވެ.
ބިންވެރިޔާ ސްކީމު ގެ ދެވަނަ ފިޔަވަ ހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު
3 ވަނަ މާއްދާ - ގޯތި ހޯދުމަށް އެދޭ މީހުންގެ ޝަރުތުތައް
(ރ) މާލޭގައި ދިރިއުޅޭތާ މަދުވެގެން 20 (ވިހި) އަހަރުދުވަސް ވެފައިވުން، ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހީންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުން.
ބޯހިޔާވަހިކަމާއި، ތަޢުލީމާއި، ވަޒީފާއާއި ސިއްހީ ޚިދުމަތްތަކާއި މިހިރަ މިހިރަ ކަންތައްތަކަކީ ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ޙައްޤެކެވެ. އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި އުނގެނުމުގެ ހައްގު ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީން ލިއްބައިދެއެވެ. ކޮންމެ ރައްޔިތަކަށްމެ އެމީހަކު ބޭނުންވާ ތަނެއްގައި ވަޒަންވެރިވުމާއި، އެމީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިގެންވެއެވެ. ވެރިކަމުގައި ތިބޭ ބަޔަކު ޖެހޭނީ އެ ފުރުސަތު އެންމެނަށް ހަމަހަމަކޮށް ފޯރުކޮށްދޭށެވެ. ޤާނޫނުއަސާސީ ހިތުހުރިގޮތަކަށް މާނަކޮށް، ހިތުހުރި ގޮތަކަށް ޢަމަލުކުރުމުގެ ޙައްގެއް، ރައީސަކަށްވެސް އަދި ވަޒީރަކަށްވެސް ނޯންނާނެއެވެ. ނަމަވެސް ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރުމަށް، ސަރުކާރަކުން މިހިރަ ހާވާ ހަޑިތަކެއް ފެނުނީމާ، ދެން ރައްޔިތުން ޖެހޭނީ އެ ހަޑި އިތުރަށް ހޭވިޔަ ނުދޭށެވެ.
އެހެނީ ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގައި ވަނީ
އެއްވެސް ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް މި ބާބުގައި ބަޔާންވެގެންވާ އަސާސީ ހައްގަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟްވާނަމަ، އެ ގާނޫނެއް ނުވަތަ އެ ގާނޫނަކުން އެ ހައްގަކާ ނުވަތަ އެ މިނިވަންކަމަކާ ތަޢާރުޟްވާ މިންވަރެއް ވާނީ ބާތިލް އެއްޗަކަށެވެ.
69 ވަނަ މާއްދާގައި ވަނީ
މި ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް މި ގާނޫނުއަސާސީ ގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެނެއް ނުވާނެއެވެ.
މަތީގައި ބަލާލެވިފައި އެވާ، ޤާނޫނުއަސާސީގެ މާއްދާތަކާއި، ޤާނޫނުތަކާއި އުސޫލުތަކަށް ބަލައިލުމުން އެނގެނީ މި ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިޔާ ސްކީމަކީ ބާޠިލް ސްކީމެއް ކަމެވެ. ސަރުކާރުން މި ހިންގާ ބިންވެރިޔާ ސްކީމަކީ ހަމަ ހަގީގަތުގައިވެސް ސްކޭމެކޭ ނުބުނެވޭނެ ހެއްޔެވެ؟ ހިތާމައަކީ، މިކަންކަން ބަލައިދޭނޭ، މުއައްސަސާއެއްވެސް ނެތްކަމެވެ. ހިއުމަންރައިޓްސް ކޮމިޝަނަކާ، އެންޓި ކޮރަޕްޝަން ކޮމިޝަނަކާ، އިލެކްޝަންސް ކޮމިޝަނަކާ ރައްޔިތުންގެ މަޖިލީހަކާ އަދި އެނޫންވެސް ޤާނޫނީ ބާރުލިބިގެން އުފައްދާފައިވާ މުއައްސަސާތައް ހުރީ ނަމެއްގައެވެ. ސަރުކާރަކުން މިހިންގާ ލާއިންސާނީ ކަންތައްތައް ބަލައި، ޤާނޫނުގެ ތެރެއަށް ވައްދާން ކުރެވޭ އެއްވެސް ކަމެއް ނުފެނެއެވެ.
ރައްޔިތުން ހޭއަރާށެވެ. ޤާނޫނީ ވެެރިކަމެއް ދެމެހެއްޓޭނީ، ޤާނޫނުއަސާސީގެ ހަމަތައް ދަމަހައްޓައިގެންނެވެ. މިނިވަންކަމާ ސިޔާދަތު ރައްކާކުރެވޭނީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދެވިގެންނެވެ. ނަސްލީތަފާތުކުރުމާ، ބޭއިންސާފަކީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީން ޤަބޫލުކުރާ ހަމަތަކެއް ނޫނެވެ. އަދި ދުނިޔޭގެ ތަހުޒީބީ މުޖްތަމައުތައް ދަންނަކަމެއްވެސް ނޫނެވެ. ވެރިކަމަކީ މާތްﷲ އިރާދަކުރައްވާ ފަރާތްތަކާ ހަވާލުކުރެވޭ ބިޔަބޮޑު އަމާނާތެކެވެ. އަމާނާތަށް ޚިޔާނަތްތެރިވީމާ ރައްޔިތުން ނުކުމެ ގޮތް ނިންމާން ޖެހެއެވެ. އެހެނީ މާތްﷲ އަހަރެމެންގެ ހާލަތު ބަދަލުކުރައްވަނީ، އަހަރެމެން އެކަމަށް މަސައްކަތްކުރުމުންނެވެ. ވެރިއަކަށް 5 އަހަރު ދުވަހެވެ. ރައްޔިތުންނަށް އެންމެ ދުވަހެކެވެ. މިފަހަރު އެ ދުވަހަކީ ސެޕްޓެމްބަރު 30 ވަނަ ދުވަހެވެ. އެދުވަހު ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅާށެވެ.
ޅެންވެރިއަކު ބުނެފައިވެއެވެ. "ކަލާނގެ ސަފުން ބަދަލުނުކުރައްވަތޭ ގައުމެއްގެ ހާލާތެއް... ނުވާނަމަ ގައުމުގައި ހާލަތު ބަދަލުކުރުމުގެ ހިޔާލާތެއް"!