މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް، އިންޒާރު ދީފައި ވަނިކޮށް ހުކުރު ދުވަހު ރާއްޖޭގެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފޭސްބުކް އެކައުންޓު ހެކްކޮށްފިއެވެ. 

އޭޖީ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ އޮފީހުގެ ފޭސްބުކް އެކައުންޓް ހެކްކޮށްފައިވާ ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ބުދަ ދުވަހު ޖުވެނައިލް ކޯޓް ވެބްސައިޓް ހެކްކުރުމަށް ފަހު، ހެކަރުން ބުނެފައި ވަނީ، މިއީ ދިވެހި ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އިންޑިއާއާއި އެގައުމުގެ ރައްޔިތުންނަށް ފުރައްސާރަކޮށް، އަދި ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ބުރޫއަރާ ގޮތަށް ސޯޝަލް މީޑިއާގައި ކުރަމުންދާ ނަސްލީގޮތުންނާއި އަދި ނާތަހުޒީބު ޕޯސްޓުތަކަށް ރައްދުދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. 

މީގެ އިތުރުން އިންޑިއާއިން އެކި ހާލަތްތަކުގައި ރާއްޖެއަށް ވެދީފައިވާ އެހީތެރިކަމާއި، ވަމުންދާ އެހީތަކުގެ މަތިން ހަނދާންކޮށްދީ، އެގޮތަށް ނަސްލީގޮތުން ދިމާކުރުމާއި ނަފްރަތު އުފެއްދުމުގެ ޢަމަލުތައް ބަލައި ނުގަންނާނޭކަމަށް ބުނެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި އެމަނިފާނުގެ ސަރުކާރަށް ހެކަރުން ވަނީ އިންޒާރު ދީފައެވެ. 

ހެކަރުން ބުނެފައި ވަނީ، އެމީހުންނަކީ ހެކަރުންގެ ގިނަ ޓީމުތަކެއް އެކުވެގެން އުފައްދާފައިވާ އިންޑިއާގެ "ޓީމްނެޓްވޯކް9" ކަމަށެވެ. 

އެމްޑީޕީގެ ސަރުކާރު ވެއްޓި، ޕީޕީއެމް/ޕީއެންސީގެ ސަރުކާރު އުފެދުމާއެކު ރާއްޖެއާ އިންޑިއާއާ ދެމެދު ވަނީ ގުޅުންތައް ހީނަރުވެފައެވެ. ސަބަބަކީ އެމްޑީޕީގެ ސަރުކާރުން އަބަދުވެސް އެހެންގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ބަދަލުގައި އަވައްޓެރި އިންޑިއާއަށް ރާއްޖެ ބަރޯސާ ކުރުވާ ސިޔާސަތެއް ގެންގުޅުމާއި އަދި ޕީޕީއެމް/ޕީއެންސީގެ ސަރުކާރުން ރާއްޖެއާ ޗައިނާއާ މާބޮޑަށް ގުޅުން ބަދަހިކުރާ ސިޔާސަތެއް ގެންގުޅޭތީއެވެ.