ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދަން، އަންނަ އާދީއްތަ ދުވަހު 4.2 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް)  ވިއްކަން ފަށާނެކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ. 

ސަރުކާރުން ވިއްކާ ޓީ ބިލްތައް ޢާންމުކޮށް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެއެވެ.

ވޭތުވެދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި ސަރުކާރުގެ ހިންގުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެ، ބަޖެޓަށް ނުކަތާވަރުވެފައިވާއިރު، މާލީ ވުޒާރާއިން އާދިއްތަ ދުވަހު ވިއްކަން ނިންމާފައިވަނީ 2.3 ބިލިއަން ރުފިޔާގެ ޓީބިލް %3.5 އިންޓަރެސްޓްގައި 28 ދުވަސް ތެރޭގައި އަނބުރާ ދައްކާ ބިލަކާއި، 263.4 މިލިއަން ރުފިޔާގެ %3.8 އިންޓަރެސްޓްގައި 98 ދުވަހުން ތެރޭގައި އަނބުރާ ދައްކަން ޖެހޭ ޓީބިލަކާއި 69 މިލިއަން ރުފިޔާގެ %4.23 އިންޓަރެސްޓްގައި 182 ދުވަސް ތެރޭގައި އަނބުރާ ދައްކަން ޖެހޭ ޓީބިލެއްގެ އިތުރުން 1.7 ބިިލިއަން ރުފިޔާގެ %4.6 އިންޓަރެސްޓްގައި 364 ދުވަސް ތެރޭގައި އަނބުރާ ދައްކާ ޓީ ބިލް ތަކެއެވެ.ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.

ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އޭގެ އަސްލު އަގު އަދާކުރާގޮތަށެވެ. މިއީ ދަރަނިތައް ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ.

ޓީބިލް ވިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން ދަރަނި ނަގައިގެން ދައުލަތް ހިންގުމަށް މަޖުބޫރުވެފައިވީ ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަދިވެސް ދަނީ، ބޮޑެތި މުސާރަދޭން ޖެހޭގޮތަށް ސިޔާސީ މަގާމުތައް އިތުރުކުރަމުންނެވެ.